English Edition
Dhivehi Edition

ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން 6،500 އަށްވުރެ ގިނަ މީހުންނަށް ޙައްޖަށް ދިއުމަށް ޝަރުތުހަމަވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ ޕެންޝަން ފައިސާއިން ޙައްޖަށް ދިއުމަށް ޝަރުތުހަމަވާ 6،561 މީހުން އިއްޔެގެ ނިއަލަށް ތިބި ކަމަށާއި މި އަދަދު ކޮންމެ ދުވަހަކުވެސް ބަދަލުވެގެން ދާނޭ ކަމަށެވެ.

މިދިޔަ އަހަރު ޕެންޝަނާ ބެހޭ ޤާނޫނަށް ސަރުކާރުން ވަނީ ދެވަނަ އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ޕެންޝަން ފަންޑްގެ ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދެވޭނީ ޙައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަށް ކަނޑައަޅާ އަދަދުގެ 80 އިންސައްތައަށް ވުރެ އިތުރު ނުވާ މިންވަރަަށެވެ. އެހެންކަމުން މިއަހަރުން ފެށިގެން ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ސަރުކާރުން ދައްކައިދޭނެ އެވެ. ބާކީ 20 ޕަސަންޓް ދައްކަންޖެހޭނީ ޙައްޖަށް ދާން ބޭނުންވާ މީހާ އެވެ.

ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނީ މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރެއިން އެ އޮފީހާ އެކު މިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކުންފުނިތަކާ އެކު އެކަންޏެވެ.

ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނެ ގޮތް ހަމަޖެއްސުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

ހައްޖަށްދާން ޕެންޝަން އޮފީހުން ފައިސާދޫކުރާ ގަވައިިދުގައިވާ ގޮތުން ހައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރާނީ ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަމަންޓް ސޭވިންގ އެކައުންޓު ބެލެންސްގެ ގޮތުގައި 336,000 ރުފިޔާއަށް ވުރެ މަތީ އަދަދެއް ޖަމާކޮށްފައި ހުރި ފަރާތްތަކަށެވެ. އޭގެ އިތުރުން ހައްޖަށް ދިއުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހުށަހަޅާ ފަރާތަކީ އެ ގަވާއިދުގެ ދަށުން، ޕެންޝަން އޮފީހާއެކު އެއްބަސްވުން ހަދާފައިވާ ހައްޖު ކުންފުންޏަކުން ކޯޓާ ހަމަޖެހިފައިވާ މީހަކަށް ވުމުގެ އިތުރުން ޕެންޝަން އެކައުންޓުގެ ފައިސާއިން ގެދޮރު ގަތުމަށް ކޮލެޓަރަލައިޒްކުރުމުން ނުވަތަ އެހެން ސަބަބަކާ ހެދިވެސް އެ މީހެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓިފައިނުވާ މީހަކަސް ވާން ޖެހޭނެ ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވައެވެ.