English Edition
Dhivehi Edition

ކޮންމެ އަހަރެއްގެ ވެސް ޙައްޖުގެ އަޅުކަން ނިންމުމަށްފަހު އަންނަ ހައްޖާޖީން ރާއްޖެ އައުމަށްފަހު ބަލިތަކުން ރައްކާތެރިވެ ސާފުތާހިރުކަމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޙައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި ވަޑައިގަންނަވާއިރު، ބަލިވެ އުޅުއްވާނަމަ، ބަލި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި ހައްޖާޖީން އަދި އާއިލާއިން ސަމާލުވެ ވަޑައިގަތުމަށް ދަންނަވާ ކަމަށެވެ.

ބަލިން ރައްކާތެރި ވުމަށާއި ބަލިން އަރައިގަތުމަށް އެޅިދާނެ މުޙިންމު ފިޔަވަޅުތައް:

•އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު ނޭފަތް ނިވާކުރުން
•ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ހާމަބޮޑު ތަންތަނަށް އެއްލާނުލާ އަދި ރައްކާތެރި ކަމާއި އެކު ނައްތައިލުން
•އާންމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ޚާއްޞަކޮށް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން
•ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
•މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
•ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިޔަށް ނުދިއުން

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ފަރުވާ:

•ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
•އަރާމުކުރުން
•ކަޅުސައި، ލުނބޯ, މާމުއި ،އިނގުރު ފަދަ ބުއިންތައް ބޭނުންކުރުން
•ހުންގަދަނަމަ ގައިގައި ފެން ހޭކުން(ތާފަނާ ފެން)
•ޕެރެސެޓްމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާޔާ ނުލާ ބޭނުން ނުކުރުން

ޙައްޖުން އެނބުރި އަންނަ މީހުން ސަމާލުކަން ދޭންވީ ކަންތައްތައް:

•ޙައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައިސް، ކެއްސާ، ނޭވާލާން އުނދަގޫވާނަމަ، ލަސްނުކުރައްވާ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން
•ޑޮކްޓަރަށް ދައްކަވާއިރު ޙައްޖުން ނުވަތަ އުމްރާއިން އައި މީހެއް ކަމުގެ މައުލޫމާތު ދިނުން
• މިނޫންވެސް އިތުރު ބަލިމަޑުކަމެއްގެ އަލާމާތެއް ފެންނަނަމަވެސް ޑޮކްޓަރަށް ދެއްކުން