ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އެފްރިކާ ބައްރުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވޭތުވެދިޔަ ހަފްތާ ތެރޭގައި ދަށަށް ގޮސްފައިވާކަމަށް އެ ބައްރުގެ އިސް ހެލްތު އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އެގޮތުން، އެފްރިކާ ސެންޓާސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ހެޑް ޖޯން ކެންގަސޮން ބުނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެ ބައްރުން ބަލިޖެހޭ މީހުންގެ ނިސްބަތް 20 އިންސައްތަ ދަށަށް ގޮސްފައިވީނަމަވެސް، މިއީ ބަލިމަޑުކަމަށް ނިމުންއައީ ކަމަށް ބަލައި، އުފާ ފާޅުކުރަންވީ ވަގުތު ނޫން ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތުދެމުން ކެންގަސޮން ވަނީ އެފްރިކާ ބައްރުގައި ޓެސްޓުކުރެވޭ ނިސްބަތް އިތުރުކުރެވެމުންދާތީވެ، މި ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ބާރެއް ލިބިފައިވާކަމަށް ވެސް ފާހަގަކޮށްފައެވެ.
ކެންގަސޮން އިތުރަށް ވިދާޅުވީ އެފްރިކާގެ 54 ގައުމުގެ ތެރެއިން 23 ގައުމެއްގައި ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި އަލަށް ބަލިޖެހޭ މީހުންގެ ނިސްބަތް ދަށަށް ގޮސްފައިވާކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އެފްރިކާ ބައްރުން އެކަނިވެސް 1.2 މިލިއަން މީހުން ޕޮޒިޓިވްވެ، 28 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ބައްރުން އެންމެ ހާލަތު ގޯސްކޮށްއުޅޭ ދެކުނު އެފްރިކާ އިން 615,701 އެއްހާ މީހުން ޕޮޒިޓިވްވެފައިވާއިރު، 13 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ދެވަނަ އަށް އެންމެ ހާލަތު ގޯސްކޮށް އުޅޭ މިސްރުން ވެސް 97،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 5،317 މީހުން ވަނީ މަރުވެފައެވެ.
މި ބަައްޔަށް މުޅި ދުނިޔޭން މިހާތަނަށް 24.3 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، 830,963 އެއްހާ މީހުން ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 16,926,047 އެވެ.