English Edition
Dhivehi Edition

ސޫފި މަރަން ބޭނުންކުރާ ސްޕްރޭގައި ހިމެނޭ ކެމިކަލުން ކޮރޯނާވައިރަސް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް-ކޮރޯނާވައިރަސް 2 (ސާސް-ކޮވް-2) ވައިރަސް ނައްތާލެވޭކަމަށް އިނގިރޭސި ވިލާތުގެ ޑިފެންސް ލެބޯޓަރީން ކުރި ފުރަތަމަ ތަހުލީލުތަކުން ދައްކާފައިވާކަމަށް ހާމަކޮށްފިއެވެ.

އެގޮތުން، އެ ގައުމުގެ ޑިފެންސް ސައިންސް އެންޑް ޓެކްނޮލޮޖީ ލެބޯޓަރީ (ޑީޓީއެސްއެލް)ގެ ސައިންސްވެރިން ވަނީ ސޫފި މަރަން ބޭނުންކުރަމުން އަންނަ މޮސީ-ގާޑް ނަމަކަށް ކިޔާ ސްޕްރޭގައި އެކުލެވިގެންވާ ސިޓްރިއޮޑިއޯލްގެ ޛަރިއްޔާއިން ކޮވިޑް-19ގެ ވައިރަސް ނައްތާލެވޭކަމަށް ބުނެފައެވެ.

“މޮސީ-ގާޑް ސްޕްރޭގައި އެކުލެވިގެންވާ ކެމިކަލެއްގެ ޛަރިއްޔާއިން ސާސް-ކޮވް-2 ވައިރަހުގެ ބާރު ދަށްކުރެވޭކަމަށް ވަނީ ފާހަގަކުރެވިފައި.” އެ ދިރާސާގައިވެއެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އިނގިރޭސި ވިލާތުން އެކަނިވެސް 328،846 އެއްހާ މީހުން ޕޮޒިޓިވްވެ، 41 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެ ގައުމުގައި ފަހަކަށްއައިސް އެވްރެޖްކޮށް ދުވާލަކު ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ އެއް ހާހަށްވުރެ މަތީގައެވެ.

މުޅި ދުނިޔޭން މި ބަލީގައި މިހާތަނަށް 826،136 އެއްހާ މީހުން މަރުވެފައިވާއިރު، 24.1 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 16,701,831 އެވެ.