English Edition
Dhivehi Edition

އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތު 11 އަވަހާރަވެއްޖެއެވެ. އިނގިރޭސި ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ރާނީ އެލިޒަބަތު އަވާހާރަވީއިރު ޢުމުރުފުޅަކީ 96 އަހަރެވެ. އެކަމަނާ އަވަހާރަވީ އިނގިރޭސިވިލާތުގެ ސްކޮޓް ލޭންޑުގެ ބަލްމޯރަލްގައި ހުންނަ އެކަމަނާގެ ގަޑުވަރުގައެވެ.

ރާނީ އަވަހާރިވެފައިވާކަން ބަކިންގްހަމް ޕެލަސް އިން ވަނީ އިޢުލާނުކޮށްފައެވެ. އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު ދެރަވެ، ފަރުވާދެމުންދަނިކޮށެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވާކަން މިއަދު ހެނދުނު އެކަމަނާގެ އާއިލާ މެމްބަރުންނާވަނީ ހިއްސާކޮށްފައެވެ

ރާނީގެ ޑޮކްޓަރުން އެކަމަނާގެ ސިއްޙީ ހާލުކޮޅު ގޯސްވެއްޖެކަން ހާމަ ކުރެއްވުމާއެކު، އެޚާންދާނުގެ ހުރިހާ ބޭފުޅުންވަނީ އެކަމަނާގެ އަރިހަށް ވަޑައިގެންފައެވެ.

ރާނީ އިނގިރޭސި ތަޚުތަށް އިސްވެވަޑައިގެންފައިވަނީ 1952 ވަނައަހަރުއެވެ. އޭގެފަހުން ވޭތުވެދިޔަ 70 އަހަރު ވެގެންގޮސްފައިވަނީ މުޅި އިނގިރޭސި ވިލާތަށް ސިޔާސީ ގޮތުންނާއި އިޤްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ބޮޑު ބަދަލެއް ގެނެވުނު ދުވަސްވަރަކަށެވެ.

ރާނީ އެލިޒަބެތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނުވަވަނަދުވަހުއެވެ. އޭގެ ފަހުން ރާނީގެ ހާލުކޮޅު ވަނީ އިތުރަށް ގޯސްވެފައެވެ.

މި އަހަރުގެ ކުރީކޮޅު ރާނީ ކޮވިޑް19 އަށް ވެސް ޕޮޒިޓިވްވެފައިވެއެވެ. ވޭތުވެދިޔަ ދުވަސް ތަކުގައި އެކަމަނާގެ ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން ބައެއް މުހިއްމު ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

ރާނީއަށްފަހު އިނގިރޭސިވިލާތުގެ ރަސްކަމަށް އިސްވެވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޗާލްސްއެވެ.