ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި ހުސްވެފައިވާ ހަތަރު މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރާނެ ހަތަރު ބޭފުޅަކު ކަނޑައަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާކޮށް އެ ބޭފުޅުން ކަނޑައަޅައި ތްރީލައިން ވިޕެއް ނެރެފިއެވެ.
އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާސިހާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފުގެ އިތުރުން އިބްރާހިމް ރަޝީދަށެވެ.
ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގައި ނަގާ ވޯޓަކުން ފާސްކޮށްގެން ތްރީލައިން ވިޕެއް ނެރުމުން އާންމު ގޮތެއްގައި އަމަލު ކުރާ އުސޫލަކީ އެ ޕާޓީގެ ހުރިހާ މަޖިލިސް މެމްބަރުން ވެސް ވިޕްލައިނާ އެއް ގޮތަަށް ވޯޓު ދިނުމެވެ.
ސީއެސްސީން ހުސްވި ހަތަރު މެމްބަރުކަމުގެ މަގާމަށް ކުރިމަތިލާން މަޖިލީހުން ހުޅުވާލުމުން 41 ބޭފުޅަކު ކުރިމަތިލެއްވިއިރު އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް 13 ބޭފުޅެއްގެ ނަންވަނި ތަޅުމަށް ފޮނުވާފައެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ލިސްޓް ހޮވުމުގައި ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ތުހުމަުކޮށް އެކަން ބެލުމަށް، އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވާފައެވެ.
އެ މައްސަލަ ދިރާސާކުރުމަށް އިމްތިޔާޒު ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ، މެމްބަރެއްގެ ކުރީގެ އަނބިމީހާ ނުވަތަ ފިރިމީހާ މީހައަކީ މެމްބަރެއްގެ މަސްލަހަތު އޮންނަ ފަރާތަކަށް ވާނެ ކަމަށް ނުބެލެވޭނެ ކަމަށެވެ.