ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރި މީހަކު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދައިފި ނަމަ އެކަމަކީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.
ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހުގައިވަނީ، ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެށްކަމަށެވެ. މީގެ އިތުރުން ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ދުވަސްވަރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އެ މުވައްޒަފުގެ ނަމުގައި ނުވަތަ މުވައްޒަފުގެ އާއިލާގެ ނަމުގައި ނުވަތަ ޒާތީ ނުވަތަ ވިޔަފާރީ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ މިލްކު ކުރުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައިވެއެވެ
ސިރާޖް ހުށަހެޅުއްވި އިސްލާހުގައި އިތުރަށް ބުނެފައިވަނީ އެ ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށް ހިފަހައްޓާފައި ވަނީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެއްކަަމަށެވެ.
މި ކުށް ކުރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ފަނޑިޔާރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވާނަމަ، އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވާއިރު އެ ހާލަތުގައި އެ ކުށުގެ އަދަބަކީ އެންމެ ގިނަވަގެން 15 އަހަރު ދުވަހުގެ ޖަލު ހުކުމެއްކަމަށްވެސް މި އިސްލާހުގައިވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން މި ކުށް ކުރި ފަރާތަކީ ދައުލަތުގެ އެހެން ވަޒީފާއެއްގައި އުޅޭ މީހެއްކަމަށްވާނަމަ، އެއީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެއްކަން ފާހަގަކޮށް އެ ދަރަޖާގައި ކުށުގެ އެންމެ ބޮޑު އަދަބަކީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއްކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ މުވައްޒަފެއް ރިޝްވަތަށް އެދުމާއި ރިޝްވަތު ހުށަހެޅުމަކީ ވެސް ކުށެއް ގޮތުގައި ކަނޑައަޅަން ބިލުގައިވެ އެވެ. އެ އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފެއް ކަމުގައިވެ ހުރެ އެނގިހުރެ އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ހޯދުމަށް އެދުމާއި ގަބޫލުކުރުމަށް އެއްބަސްވުމާއި ގަބޫލު ކުރުމަކީވެސް ކުށެކެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އަދި މަޖިލީހުގައި އިއްވާފައެއް ނުވެ އެވެ.