އެމްޑީޕީގެ ބައެއް މެމްބަރުން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ “ޖީބަށް ފުންމާލައިގެން” ހެދުނު ގޮތެއް ހަދައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރަމުންދާކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވެފައިވަނީ މިހާރު އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންގެ ދައުރު ދިގު ކުރަން ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު، ހުށަހެޅި ގޮތައް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ ބައެއް ނިންމުންތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ބޮންޑޭ ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހް ކުރުމަށް ހުށަހެޅި އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް ނެރުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދުވަހަކު ވެސް ނުކުރާ ފަދަ ނުބައި ކަމެއްކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާ ބިލެއް އުނިއިތުރު ނުގެންނަން ޕާލަމެންޓްރީ ގްރޫޕުން ނިންމި ނިންމުމަކީ ވަރަށް ހުދު މުހުތާރު ނިންމުމެއް ކަމަށް ބޮންޑޭ ވަނީ ސިފަކުރައްވާފައެވެ. “އަޅުގަނޑުމެންނަކީ ރައްޔިތުންގެ ވަކީލުން. ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލެއް އުނިއިތުރު ނުގެންނަން ވިޕްލައިނެއް ނެރެ މިއޭ ކަންކުރަންޖެހޭ ގޮތަކީ ބުނެ، ކަންކުރުމަކީ ވަރަށް ހުދުމުހުތާރު ގޮތެއް،” ބޮންޑޭ ވިދާޅުވިއެވެ.
ޤާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު އެގޮތައް ފާސްކުރަން ބައެއް މެމްބަރުން އޭނާއަށް ނުފޫޒު ފޯރުވަމުންދާ ކަން ފާހަގަކުރައްވަމުން ބޮންޑޭ ވިދާޅުވީ މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެއްވެސް ނުފޫޒެއް ނެތްކަމަށެވެ.
އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި ގުޅިގެން އެމްޑީޕީ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.