މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް، ގާނޫނު އަސާސީ އަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު އެ ގޮތަށް ކޮމިޓީއަށް ބަލައިގަނެ ކޮމިޓީން ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ އެ ޕާޓީގެ ހަތަރު މެމްބަރަކު ހިލާފުވެވަޑައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހެޅުއްވި ބިލު ބަލައިގަންނަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުދަ ދުވަހުގެ ރޭ ތްރީލައިން ވިޕެއް ނެރުނީ 41 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަންނަން ފެނޭތޯ ރޭ ވޯޓު ނެގި އިރު ޖަލްސާގައި ތިއްބަވައި، ވޯޓު ނުދެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ގެ އިތުރުން މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާން އެވެ.
ގާނޫނު އަސާސީ އިސްލާހުކުރަން ތްރީލައިން ވިޕް ނެރުމާއި ދެކޮޅަށް ވޯޓު ދެއްވި 10 މެންބަރުންގެ ތެރޭގައި ވެސް އެ ހަތަރު މެމްބަރުން ހިމެނިވަޑައިގަންނަވާއިރު ތްރީލައިން ވިޕާ ޚިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަކީ ކޮންމެ ޕާޓީއަކުން ވެސް ގެންގުޅޭ އުސޫލެކެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމުމާއި ގުޅިގެން ޕާޓީގެ ތެރޭގައި ބަހުސަކަށް ގޮސްފައިވާއިރު އިންތި ވިދާޅުވީ ޕާޓީއިން ބުނި ނަމަވެސް އަމިއްލަޔަށް ގަބޫލުކުރެވިފައި އޮތް ގޮތަކާއި ހިލާފަށް ވޯޓެއް ނުދޭނެ ކަމަށެވެ. ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމަކީ މި ހާލަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންތިހާބެއް ނުބޭއްވޭ ކޮންމެ ފަހަރަކު ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭނަމަ މިއީ ހަމަ ގަދަ ބައެއް ކަމަށެވެ.
އިންތިގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހް ކުރުމަށް ހުށަހެޅި އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް ނެރުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދުވަހަކު ވެސް ނުކުރާ ފަދަ ނުބައި ކަމެއްކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާ ބިލެއް އުނިއިތުރު ނުގެންނަން ޕާލަމެންޓްރީ ގްރޫޕުން ނިންމި ނިންމުމަކީ ވަރަށް ހުދު މުހުތާރު ނިންމުމެއް ކަމަށް ބޮންޑޭ ވަނީ ސިފަކުރައްވާފައެވެ.