English Edition
Dhivehi Edition

މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހާ މެދުގައި ގޮތެއް ނިންމުމަށް ،މިރޭ މެންދަމު 01:30 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް ކައުންސިލަރުންގެ ދައުރު އިތުރު ކުރުމާގުޅޭގޮތުން ގާނޫނު އަސާސީއަށް އަކުރެއް އިތުރު ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓު ތަޅުމަށް ގެނައުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް ރިޕޯޓު ތަޅުމަށް ގެނައުން އަވަސްކުރުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެއްބަސްވެވަޑައިނުގަތުމުން އެދުވަހު ބިލުގެ މަސައްކަތްް ކުރިއަށް ގެންދެވޭ ގޮތްވަނީ ނުވެފައެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ ބުދަ ދުވަހު ހަމަވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން އެބަތިއްބެވި ކަމަށެވެ. އަދި ޕީޕީއެމް-ޕީއެންސީ ފިޔަވައި ދެން ތިއްބެވި މެމްބަރުންނާއެކު އިސްލާހުގެ މަސައްކަތް ކުރިއަށް ގެންގޮސް މި ބިލް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް ވެސް މިރޭގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު މި ދެ ބިލަކީ އަންނަ ބުދަ ދުވަހުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާ ދެ ބިލެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެމްބަރުންގެ ވޯޓުންނެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ޖަލްސާތައް ރޭގަނޑު ގަޑީގައި ބާއްވާފައިވާއިރު މިއީ މިހާ ދަންގަޑިއެއްގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.