“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި އުސްގަނޑަ ޖޫނިއާސް އާއި އެފްސީ ޗެލެންޖާސް ބައްދަލުކުރި މެޗު 1-1 އެެއްވަރުވެއްޖެއެވެ
މިއަދު ހަވީރު ކުޅުނު މި މެޗުގައި އެފްސީ ޗެލްންޖާސް އިން މޮޅު ކުޅުމެއް ކުޅެފައިވާއިރު، މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމަށްވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުކުރެވިފައިނުވާއިރު މެޗުގެ ދެވަނަ ހާފްގެ ދެވަނަ މިނިޓްގައި އުސްގަނޑަ ޖޫނިއާސް އިންވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު އެފްސީ ޗެލެންޖާސް އިންވެނީ ކައިރިކައިރީގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެެވެ. މި ގޮތުން އެފްސީ ޗެލެންޖާސްގެ ލަނޑު ސަހާފް ކާމިޔާބުކޮށްދިން އިރު މެޗު ނިމިގެން ދިޔައީ ނަތީޖާ ބަދަލުކޮށްލާނެ އިތުރު ފުރުސަތެއް ނުލިބިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަހާފްއެވެ.
މިރޭ ކުޅުނު ދެވަނަ މެޗުގައި މަންތަރަ ޖޫނިއާސް އާއި ލޮތަރި އެފްސީ ބައްދަލުކުރި މެޗު މަންތަރައިން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގެ ދިހަވަނަ މިނިޓްގައި މަންތަރަ އެފްސީ އިން ލަނޑެއް ޖަހާފައިވާއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝުޖުއާން ޝަފީގްއެވެ. މެޗުގެ ދެވަނަ ހާފްގައި ލޮތަރި އެފްސީ އިން ވެސް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، މަންތަރަ އެފްސީގެ ކުޅުންތެރިންވަނީ އެ ހަމާލަތައް ދިފާއުކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައި ޝުޖުއާން އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު މި ލަނޑާއެކު ލޮތަރި އެފްސީ އިންވަނީ ކުޅުން ވަރުގަދަކޮށްފައެވެ. މި ގޮތުން މެޗުގެ ތިރީސްވަނަ މިނިޓްގައި މުންސިފް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިންއިރު، މެޗުގެ ފަހު ވަގުތުކޮޅު ލޮތަރި އެފްސީ އިންވަނީ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ،
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަންތަރަ ޖޫނިއާސް އަށް ދެ ލަނޑު ޖަހައިދިން ޝުޖުއާންއެވެ.