ސިންގަޕޫރުގައި އުޅޭ ބިދޭސި މަސައްކަތު މީހުންގެ ތެރެއިން ޑޯމިޓަރީތަކުގައި ތޮއްޖެހިގެން ދިރިއުޅުނު ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އިން މިހާރު މުޅީން ރަނގަޅުވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
އެ ގައުމުގައި ކޮވިޑް-19 ފެތުރެންފެށިއިރު އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވަމުންދިޔައީ ވެސް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ޑޯމިޓަރީތަކުގައި ތޮއްޖެހިގެން އުޅުނު މީހުންނަށްވީއިރު، މިހާތަނަށްއައިއިރު އެ ފަރާތްތަކުގެ ތެރެއިން 86 އިންސައްތަ އެއްހާ މީހުން ކޮވިޑް-19 އިން ރަނގަޅުވެގެން ވަޒީފާތަކަށް އެނބުރި ނިކުތުމުގެ ހުއްދަ ދީފައިވާކަމަށް މިނިސްޓްރީ އޮފް މޭންޕަވާ އިން ވަނީ ހާމަކޮށްފައެވެ.
އާބާދީގައި 5.7 މިލިއަން މީހުން ހިމެނޭ ސިންގަޕޫރުގައި ބިދޭސީ މަސައްކަތު މީހުންގެ ގޮތުގައި ގާތްގަނޑަކަށް 300،000 މީހުން އުޅޭއިރު، އަދިވެސް ކޮންމެވެސް މިންވަރަކަށް ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި މި ބަލީގެ އަސަރު އެބަހުރިކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ސިންގަޕޫރުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 56 ހާހަށްވުރެ އިތުރުވެފައިވާއިރު، 27 މީހުން ވަނީ މަރުވެފައެވެ. އެ ގައުމުން މި ބަލީގައި މިހާތަނަށް 52,810 އެއްހާ މީހުން ވަނީ ރަނގަޅުވެފައެވެ.
މުޅި ދުނިޔޭން މިހާތަނަށް 22.4 މިލިއަނެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 787،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީގައި މިހާތަނަށް ރަނގަޅުވި މިހުންގެ އަދަދަކީ 15,172,290 އެވެ.