“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި ސަންސްއޮފް ލޮންސް އާއި ޔުނައިޓެޑް ބޯއިސް ބައްދަލުކުރި މެޗު 2 ލަނޑު 0 ލަނޑުން ސަންސް އޮފް ލޮންސް ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގެ މިރޭގެ މެޗުގައި ސަންސް އޮފް ލޮންސް އިން މޮޅު ކުޅުމެއް ކުޅެފައިވާއިރު މެޗުގެ ފުރަތަމަ ހާފްގެ ތޭރަވަނަ މިނިޓްގައި އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝިނާއުއެވެ. މެޗުގެ ދެވަނަ ހާފްގައި ހުސައިން ޝިފާޒް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު ޔުނައިޓެޑް ބޯއިސް އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތެކެއް ކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ސަންސް އޮފް ލޮންސްގެ ޝިފާޒް ހޮވުނު އިރު ދެން މި ޓީމް ކުޅޭ މެޗުގައި ބައްދަލުކުރާނީ މަންތަރަ ޖޫނިއާސް އާއެވެ.
މިރޭ ކުޅުނު މި މުބާރާތުގެ ދެވަނަ މެޗުގައި އެފްސީ ހަބޭސް އާއި މަންތަރަ އެފްސީ ބައްދަލުކުރި ފޯރިގަދަ މެޗު ނިމިގެން ދިޔައީ 1ލަނޑު 0 ލަނޑުންނެވެ،
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑެއް ޖެހިފައިނުވާއިރު މެޗުގެ ދެވަނަ ހާފްގައި އެފްސީ ހަބޭސް އިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ގޮތުން މެޗުގެ ތިރީސްވަނަ މިނިޓްގައި އެފްސީ ހަބޭސްގެ އަހްމަދު ޒަޔަން އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނުމާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ. ދެ ޓީމުންވެސް އެޓޭކިން ކުޅުމެއް ކުޅުނު މި މެޗު ނިމުނީ މަންތަރަ އެފްސީ އަށް ލަނޑު ޖަހާނެ ފުރުސަތެއް ނުލިބިއެވެ.
މި ފޯރިގަދަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ހަބޭސްގެ ލިރުއާމްއެވެ.