ރޭ “ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި އެފްސީ އަފިރިންނާއި، ކަޅަބެންޗާ ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މި މެޗުގައި ދެ ޓީމުންވެސް މެޗުގެ ލީޑް ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މެޗު ނިމުނީ 1-1 ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި އެފްސީ އަފިރިން އިން ލަނޑެއް ޖަހާފައިވާއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޒައިދާން މުހައްމަދު އެވެ. މެޗުގެ ފުރަތަމަ ހާފްގައިވެސް ކަޅަ ބެންޗައިން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް މަސައްކަތްކޮށްފައިވާއިރު އެ ހާފް ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
މެޗުގެ ދެވަނަ ހާފްގެ ދެވަނަ މިނިޓްގައި ކަޅަބެންޗާއިން ލަނޑެއްޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވާއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފަޒީލްއެވެ. މެޗުގެ ފަހު ހާފްގައި ދެ ޓީމުންވެސް ލީޑްނެގުމަށް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު މެޗު ނިމިގެން ދިޔައީ ދެ ޓީމަށްވެސް އިތުރު ލަނޑެއް ނުޖެހިއެވެ.
ރޭ ކުޅުނު ތިން މެޗުގައި ކްލަބް ރިވެރިން ނެކްސަސް އާއި އުސްގަނޑަ ޖޫނިއާސް ބައްދަލުކުރި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ކްލަބް ރިވެރިން ނެކްސަސް އެވެ. މެޗުގެ ފުރަތަމަ ހާފްގެ ފަސްވަނަ މިނިޓްގައި ކްލަބް ރިވެރިން ނެކްސަސްގެ އައިމަން ނަސީރު އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ ދެވަނަ ހާފްގައިވެސް އައިމަން ވަނީ އިތުރު ލަނޑެއް ޓީމަށް ކާމިޔާބުކޮށްދީފައެވެ. ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ރިވެރިން ނެކްސަސްގެ ހޫދު ލަތީފް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިންއިރު މެޗު ނިމިގެން ދިޔައީ އުސްގަނޑަ ޖޫނިއާސްއަށް ލަނޑެއް ޖަހާނެ ފުރުސަތެއް ނުލިބިއެވެ.
މި މެޗުގެ މޮޅު ކުޅުންތިރިއަކަށް ހޮވުނީ ރިވެރިން ނެކްސަސް އަށް ދެ ލަނޑު ކާމިޔާބު ކޮށްދިން އައިމަން ނަސީރުއެވެ
މިއަދުވެސް މި މުބާރާތުގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބީރިކަނާ އާއި އެފްސީ ގަންބުރިއެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ސަންސް އޮފް ލޮންސް އާއި ޔުނައިޓެޑް ބޯއިސް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ހަބޭސް އާއި އެފްސީ މަންތަރައެވެ. ތިންވަނަ މެޗުގައި އެފްސީ އުސްގަނޑާއި ގަބުރު އެފްސީ ބައްދަލުކުރާއިރު ރޭގަނޑުގެ މެޗުތައް ފެށޭ ގަޑިއަކީ 20:30 ހެވެ،