އައްޑޫ ފުޓްބޯޅާ ޗެމްޕިއަންޝިޕް 2022 ގެ ގުރޫޕު ބީ ގައި އެފްސީ އފިރިން އަދި ފާހި ސްޕޯޓްސް ބައްދަލު ކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއީ މި މުބާރާތުގައި އެއްވަރު ފުރަތަމަ މެޗެވެ.
އާދީއްތަ ދުވަހު ހަވީރު އައްޑޫ ސްޓޭޑިއަމުގައި ކުޅުނު މެޗު ނިމިގެން ދިޔައީ 3-3 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.
މެޗުގައި ދެ ޓީމުންވެސް ވަނީ ވަރަށް ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނިޓުގައި އަފިރިން ޓިމުން ލީޑު ނެގިއެވެ. ފާހި ސްޕޯޓްސް ގެ ޑިފެންޑަރު ކަޓުވާފައި މޫސާ ޒާހިރު ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ފޯރި ގަދަ ވެގެން ދިޔައެވެ. އަދި ފާހި އިން ލަނޑު ޖަހަން މަސައްކަތް ކުރަމުން ދިޔަނަމަވެސް ދެން ވެސް ފެނިގެން ދިޔައީ އަފިރިން އިން ލަނޑެއް ޖަހާލިތަނެވެ. ލިބުނު ހިލޭޖެހުމަކުން އެޓީމުގެ އަލީ ނަޖާޙް ކާމިޔާބު ކޮށްދިން ލަނޑާއެކު އަފިރިން ޓީމުން 2 ލަނޑުގެ ލީޑަކާއެކު ހަމަ ޖެހިލިއެވެ.
މި ހާފުގައި ޒުވާން ކުޅުންތެރިންނާއެކު ކުޅެމުން އައި ފާހީ ޓީމުން ކުޅުން ވަރުގަދަ ކޮށް ލަނޑު ޖަހަން ކުރި މަސައްކަތުން މެޗުގެ 21 ވަނަ މިނިޓުގައި ހައިޒޫމް ނަޖީބު އަހުމަދު އަދި 32 ވަަނަ މިނިޓުގައި ލަނޑު ޖަހައި މުހައްމަދު އާއިޝް ސަރީރު މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއް ޖަހައި ފާހި ސްޕޯޓްސް އަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިދިނީ ހުސެއިން ޝިފާޒެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-2 އިން ފާހި ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އަފިރިން ޓީމުން ނިކުތީ ނަތީޖާ ބަދަލު ކޮށްލުމަށެވެ. އަދި މިމެޗުން ބަލި ނުވެ ނިންމާލުމުގެ އުންމީދުގައި ކުޅުން ވަރުގަދަ ކޮށް ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލުގެ ތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ފާހީ ސްޕޯޓްސް އިން ބެލީ ތިން ޕޮއިންޓު ކަށަވަރު ކުރުމަށެވެ. އެގޮތުން ޑިފެންސިވް ގޭމެއް ކުޅެމުން ކައުންޓާ އެޓޭކްގެ މަދު ފުރުސަތުތައް ހޯދި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އަފިރިން ޓީމުން ކުރަމުންދިޔަ މަސައްކަތު ނަތީޖާއެއްގެ ގޮތުން 53 ވަނަ މިނިޓުގައި މޫސާ ޒާހިރު ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 3-3 އިން މެޗު އެއްވަރު ވެގެންނެވެ.
މި ނަތީޖާއެކު ފާހި ސްޕޯޓްސް އަދި އެފްސީ އަފިރިން ކުޅުނު ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ގުރޫޕްގައި ބާކީ މެޗުތަކެއް ހުރި އިރު ދެ ޓީމަށް ވެސް ދެވަނަ ބުރަށް ދެވޭނެ ހަނި ފުރުސަތުތައް އެބަހުރިއެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސި އަފިރިންގެ މޫސާ ޒާހިރެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅޭނެ އެވެ. މިއަދު ހަވީރު 16:00 ގައި ބައްދަލު ކުރާނީ ގުރޫޕު އޭގެ ފޭދޫ ސްޕޯޓްސް އަދި އެފްސީ ބޭރުމަތި އެވެ.
މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ހޭޕީ މާކެޓް ޓްރޭޑިން އެވެ.