އައްޑޫ ފުޓުބޯޅާ ޗެމްޕިއަންޝިޕް 2022 ގައި މިއަދު ހަވީރު މަރަދު އެފްސީ އާއި ބައްދަލު ކޮށް 2-4 އިން ބަލިވެގެން މުބާރަތުން އެ ޓީމު ކަޓައިފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި މަރަދޫ އެފްސީ އާއި ދެކޮޅަށް އަފިރިން ނިކުތީ ވަރުގަދަ އަޒުމަކާއިގެން މުބާރާތުން ދެވަނަ ބުރު ނޫނީ ސެމީ ފައިނަލްގެ ޖާގަ ހޯދަން ކުރަންޖެހޭ މަސައްކަތް ކުރުމަށެވެ. އެއީ މި މެޗުން 3 ޕޮއިންޓު ހޯދުމެވެ. ނަމަވެސް، މެޗުގެ 4 ވަނަ މިނިޓުގައި ޒުވާން ފޯވާޑު ސަހާއު ޖަހައިދިން ލަނޑާއެކު މަރަދޫ ޓީމުން އިތުރު ޖޯޝަކާއެކު ކުޅެން ފެށިއެވެ.
އަފިރިން ޓީމުން މަސައްކަތް ކުރަމުން ދިޔައީ ނަތީޖާ ބަދަލު ކޮށްލުމަށެވެ. އެގޮތުން 26 ވަނަ މިނިޓުގައި މެޗު އެއްވަރު ކޮށްދިނީ ޖައިލަމް ޖަމީލެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނެވެ.
ދެވަނަ ހާފުގައި އަފިރިން ޓީމުން މަރަދޫ އެފްސީގެ ޑިފެންސް ފޫއަޅުވާލެވޭތޯ ވަރަށް ހިއްވަރު ކުރި ނަމަވެސް ގޯލުގެ ގެރެއަށް ބޯޅާ ފޮނުވާލެވޭގޮތެއް ނުވި އެވެ. މެޗުގެ 61 ވަނަ މިނިޓުގައި މުޙައްމަދު އަޒާން ވަނީ މަރަދޫ އެފްސީއަށް އަނެއްކާވެސް ލީޑު ނަގައިދިނެވެ. އުއްމީދީ ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑު ސަހާއު 74 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިން ލަނޑާއެކު މަރަދޫ އެފްސީ އިން 2 ލަނޑުގެ ތަފާތުގައި މެޗު ޑޮމިނޭޓް ކުރަމުން ދިޔަ އެވެ.
އަފިރިން ޓީމުން މި ނަތީޖާ ބަދަލު ކޮށްލެވޭތޯ ވަރަށް މަސައްކަތް ކުރިނަމަވެސް، މަރަދޫ އެފްސީގެ ގޯލަށް ނުރައްކާ ކުރެވޭގޮތެއް ނުވި އެވެ. މި މެޗަކީ ދެ ޓިމަށްވެސް މުހިންމު މެޗަކަށް ވާތީ ލަނޑު ޖަހަން ގިނަ މަސައްކަތް ކުރިއެވެ. މެޗުގެ 90 މިނިޓު ހަމަވުމުން އިތުރު ވަގުތުގައި އަފިރިން ޓީމުން ވަނީ ލަނޑެއް ޖަހައި 2-3 އަށް ފަރަގު ކުޑާ ކޮށްފިއެވެ. އަފިރިން ޓީމަށް ދެ ވަނަ ލަނޑު ޖަހައިދިނީ އިބުރާހީމް ޝިޔާމެވެ.
އަފިރިން ޓީމުގެ އުންމީދު ފުނޑުފުނޑު ކޮށްލީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލައުހު ޖަހައިދިން ލަނޑުންނެވެ. މި ލަނޑާއެކު މަރަދޫ އެފްސީ 4-2 އިން އަފިރިން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރި އެވެ. މި ގުރޫޕުގައި ދެން ހިމެނޭ ފާހި ސްޕޯޓްސް އާއި މެދުވަލު ޓިމުގެ ފަހު މެޗުގައި ފާހި ސްޕޯޓްސް މޮޅުވިޔަސް ލިބޭނީ 4 ޕޮއިންޓެވެ. މިހާރު ވެސް ގުރޫޕު ގެ އެއް ވަނައިގައި އޮތް މެދުވަލު ޓީމަށް ވަނީ ބާކީ އެއް މެޗު އޮތްވައި ސެމީގެ ޖާގަ ކަށަވަރު ވެފަ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު އައްޑޫ ސްޓޭޑިއަމުގައި ބައްދަލު ކުރާނީ ބޭރުމައްޗާއި މީދޫ ލޮތާރިއެވެ. މި މެޗު ފަށާނީ ހަވީރު 16:00 ގަ އެވެ.
މި މުބާރާތުގެ ޓައިޓުލް ސްޕޮންސަރަކީ ހެޕީ މާކެޓް ޓްރޭޑިން އެވެ.