“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި އިއްޔެ ކުޅުނު ފުރަތަމަ މެޗު މަރަދޫ ޔުނައިޓެޑް އިން ކާމިޔާބުކޮށްފިއެވެ.
މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗު މަރަދޫ ޔުނައިޓެޑް އިން ކާމިޔާބުކުރީ ކްރޯސް އާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ.މި މެޗުގެ ފުރަތަމަ ހާފްގައި ކްރޯސް އިން ލަނޑެއް ޖަހާ ހަމަޖެހިލާފައިވާއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ވާފިރެވެ. މެޗުގެ ދެވަނަ ހާފްގައި މަރަދޫ ޔުނައިޓެޑް އިން ގިނަ އިރު ބޯޅަ ގެންގުޅެ ނުރައްކާތެރި ގިނަ ހަމަލާތައް އުފައްދާފައިވާއިރު އެ ޓީމުން މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހައިދިނީ އަހްމަދު ތޮލާލްއެވެ. މެޗުގެ ފަހު ހާފްގައި ކްރޯސް އަށްވެސް ނަތީޖާ ބަދަލުކޮށްލާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހިއެވެ.
މި މެޗުގެ މޮޅު ކުޅުންތިރިއަކަށް ހޮވުނީ މަރަދޫ ޔުނައިޓެޑްއަށް ދެ ލަނޑު ކާމިޔާބުކޮށްދިން ތޮލާލްއެވެ.
މި މުބާރާތުގައި އިއްޔެގައ ކުޅުނުދެވަނަ މެޗުގައި ލޮތަރި އެފްސީ އާއި އެފްއާރްޓީ ބައްދަލުކުރިއިރު މި މެޗު 4 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ލޮތަރި އެފްސީ އެވެ.
މުޅި މެޗުގައި ލޮތަރި އެފްސީގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ތިންވަނަ މިނިޓްގައި އެ ޓީމްގެ ރަޔަން މުއްސަދު ވަނީ ލަނޑެއް ޖަހާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލޮތަރިއެފްސީ އިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނެލްޓީއެއް ކާމިޔާބުކޮށް މުންސިފް ޖަހައިދިން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފްގައި އެފްއާރްޓީއިންވެސް މޮޅު ކުޅުމެއް ކުޅެފައިވާއިރު އެ ޓީމުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 23 ވަނަ މިނިޓްގައި އަލީ އާސިރް ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ތިން މިނިޓްފަހުން ލޮތަރި އެފްސީގެ ޒާލިފް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑްވަނީ ފުޅާކޮށްފައެވެ. އެފްއާރްޓީއިން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގެ ތިރީސް ތިންވަނަ މިނިޓްގައި ރަޔަންވަނީ ލޮތަރި އެފްސީއަށް އިތުރު ލަނޑެެއް ކާމިޔާބުކޮށްދީފައެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހިވުނީ ލޮތަރި އެފްސީ އަށް ދެ ލަނޑު ޖަހައިދިން ރަޔަންއެވެ،