English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރުމަށް އެކަށީގެންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ލިބެން ނެތުމުންނާއި، މުސާރަ ދިނުން ލަސްވުމުން ކެންޔާގެ 47 ކައުންޓީގެ ތެރެއިން 2 ކައުންޓީއަށް ނިސްބަތްވާ އެތައް ޑޮކްޓަރުންނެއް ހަޅުތާލުކޮށްފިއެވެ.

އެގޮތުން، އެ ގައުމުގެ ގިނަ ޑޮކްޓަރުންތަކެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސަރުކާރުން ފަރުވާދިނުމުގައި ގެންގުޅޭ އުސޫލުތަކާއި، މެޑިކަލް އިންޝުއަރެންސްގެ ކަންތައްތަކާ ގުޅޭގޮތުން އަޑުއުފުލާފައެވެ.

އެހެންނަމަވެސް، މިކަމާ ގުޅޭގޮތުން ކެންޔާގެ ސަރުކާރުގެ އިސްފަރާތްތަކުން ވަނީ އެ ގައުމުގައި ކޮވިޑް-19 އަށް ފަރުވާދިނުމުގައި ބޭނުންކުރުމަށް އެކަށީގެންވާ ވަރަށް ޕީޕީއީ ފޯރުކޮށްދީފައިވާނެކަމަށް ވިދާޅުވެފައެވެ.

ކެންޔާގައި މިހާތަނަށް އައިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 30 ހާހަށްވުރެ މައްޗަށް ގޮސްފައިވާއިރު، 487 އެއްހާ މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން އެފްރިކާ ބައްރުން އެކަނިވެސް މިލިއަނަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 26 ހާހާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. އެ ސަރަހައްދުން އެންމެ ހާލަތު ގޯސްކޮށްއުޅޭ ދެކުނު އެފްރިކާ އިން 589،886 އެއްހާ މީހުން ޕޮޒިޓިވްވެ، 11،982 މީހުން ވަނީ މަރުވެފައެވެ.

މުޅި ދުނިޔޭން މި ބަައްޔަށް މިހާތަނަށް 22.1 މިލިއަނެއްހާ މީހުން ޕޮޒިޓިވްވެ، 779،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ބަލީގައި މިހާތަނަށް ރަނގަޅުވި މިހުންގެ އަދަދަކީ 14,894,095 އެވެ.