ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރީ މި ދާއިރާއަށް ދިވެހިން އިތުރުކުރަން ބޭނުންވާތީ އެކަމަށް އިސްކަންދީގެން ކަމަށް ސަރުކާރުން ބުނެފިއެވެ.
މުސާރައަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާކުރުމަަށް ރަައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ މުސާރަ ބޮޑުކުރުމާއެކު އެ ދާއިރާއަށް މީހުން އިތުރުކުރުމަށް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.
މި ފަދަ ބޮޑު ބަދަލެއް ގެނައި ނަމަވެސް ހުރިހާ މަގުސަދެއް ފުރިހަމައެއް ނުވާނެ ކަމަށާއި އެކަމަކު، އެކަންކަން ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.
“ކުއްލިއަކަށް ބަދަލެއް ނާންނާނެ. އަދި ބައިވަރު މަސައްކަތްތައް ކުރަން ކުރިއަށް އެބަހުރި. އެކަން އަޅުގަނޑުމެން ކުރާނަން، ރާވާފައި ވެސް ހުންނާނެ އެ މަސައްކަތްތައް.” ނަސީމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޭ ކޮމިޝަންގެެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ ރާއްޖެއަށް މިހާރު އެންމެ މުހިންމީ ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާކުރާނެ ދިވެހި ޑޮކްޓަރުން ހޯދުން ކަމަށެވެ.
މުސާރަ ބޮޑުކުރިއިރު، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް އެންްމެ ދަށްވެގެން ފުރަތަމަ ޑިގްރީއެއް ހާސިލް ކުރުމަށް ބާރު އެޅުމަށް ވިސްނާފައިވާނެ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ. މީގެ އިތުރަށް ރަށްރަށުގައި މަސައްކަތް ކުރާނެ ޑޮކްޓަރުން ލިބުން ދަތިވާތީ އެ މައްސަލަ ހައްލު ކުރަން އެލަވަންސްތަކެއް ކަނޑައަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.