English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އީސީން މިއަދު ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބުގެ ދެ ކެންޑިޑޭޓަކާއި، ޑަބްލިއުޑީސީ އިންތިޚާބުގެ ދެ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

އެގޮތުން ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވަނީ ޕީޕީއެމްގެ ފަރާތުން ށ. ޅައިމަގު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލި ޢަބްދުﷲ ޝަނޫނު، ހަވީރީނާޒް / ށ. ޅައިމަގު އާއި އެމްޑީޕީގެ ފަރާތުން މ. މުލީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި ރަޙުމާ ޙުސައިންފުޅު، ޗަބޭލީގެ / މ. މުލި އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ފަރާތުން ގއ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި މަރްޔަމް ނުޝްރާ މުޙައްމަދު (ނުސް)، އަތިރީއާގެ، ޅ. ނައިފަރު އާއި ޕީޕީއެމްގެ ފަރާތުން ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ސައިފާނާ އަޙްމަދު (ސައި)، ކަނދުގަސްދޮށުގެ، ހދ. މަކުނުދޫ އެވެ.

މިއާއެކު ކައުންސިލް އިންތިޚާބުން ނަން ނެގި ކެންޑިޑޭޓުންގެ އަދަދު 33 އަށް އަރާފައިވާއިރު، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުން ނަން ނަގާފައި ވަނީ ޖުމްލަ 16 ފަރާތެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.