English Edition
Dhivehi Edition

ރައްޔިތުންގެ ފައިސާއިން ސަރުކާރުގައި ތިބޭ މީހުން ވައްކަން ކުރުމަށް ފަހު، މަގާމުން އެކަހެރިވުމުން ރައްޔިތުންނަށް ލިބޭ ގެއްލުން ފޫނުބެދޭކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ، ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މި ސަރުކާރުގެ ކަމަކީ އަންބާ ކިޔާފައި 24 ގަޑި އިރު ވައްކަން ކުރުންކަމަށެވެ. އިތުރަށް ޖާބިރު ވިދާޅުވީ ވައްކަން ކުރުމަށް ފަހު، މަގާމުން އެކަހެރިވުމުން ލިބޭ ގެއްލުން ފޫނުބެދޭ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް އެއަށް ވުރެ ރަނގަޅަށް، ޖަވާބުދާރީކުރުވަން ސަރުކާރަށް ޖެހޭނެކަމަށެވެ. “ދައުލަތުގެ ވަސީލަތްތައް ހުންނަންވާނެ. ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެވެންވާނެ. އަންބާކިޔާފައި 24 ގަޑި އިރު ވައްކަން ކުރަމުން މިދަނީ. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މިކަމާއި ވިސްނަން އެބަ ޖެހޭ.” ޖާބިރު ވިދާޅުވިއެވެ.

މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ޖާބިރު ވިދާޅުވީ ދައުލަތުގައި ފައިސާއެއް ނެތް ކަމަށާއި ރޭގަނޑު ދަންވަރު ރައްޔިތުން ފުރަބަންދުގައި ބައިތިއްބާފައި ހުރިހާ ފައިސާއެއް ވަގަށް ނަގާފައިވާކަމަށެވެ.” މިހާތަނަށް ބެލި ބެލުމުން އެނގެނީ ވައްކަން ކުރިކަން، ކޮރޯނާ ވައިރަސްއޭ ކިޔާފަ ކަރަންޓީންކޮށްފައި ބައިތިއްބާފާ ރައްޔިތުންގެ ފައިސާ ވަގަށް ނެގީ.” ޖާބިރު ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރު ނުކުޅެދުނީ އެކަމަށް ހޭދަކުރަން ހުރި ފައިސާއިން ވައްކަން ކުރުމުން ކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ އެފަދަ ކަންކަމަކީ އަޅާ ނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑެތި ކަންކަން ކަމަށެވެ. އަދި އޮޑިޓަރޖެނެރަލް ނެރުއްވި ރިޕޯޓްތަކުން ހެލްތް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީގައި ޚިޔާނާތުގެ އެތައް އަމަލެއް ހިނގިކަމަށް ބުނާއިރު، އެކަމާއި މެދު އަވަސް ފިޔަވަޅުތަކެއް ނޭޅިވަނީ ކީއްވެގެންތޯ ޖާބިރުވަނީ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން ޖާބިރުވަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ގޮތެއް ނެތް ނަމަ މަގުތަކަށް އެއްވެ މުޒާހަރާކޮށްގެންވެސް ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭކަމަށް ވިދާޅުވެފައެވެ.

.