ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ފަތުރުރިއެއްގެ ފައިސާއާއި މުދާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ފަތުރުވެރިއެއްގެ ތަކެތި ފުވައްމުލަކު އަތިރިމަތީ ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައެއް ހޮނިހިރު ދުވަހު 17:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް މިހާރި ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށެވެ.
އެ ފަތުރުވެރިޔާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު އޭނާ ބުނި ގޮތުގައި އޭނާ އަތިރިމަތީގައި ޑްރޯނެއް އުދުއްސަން ހުއްޓާ ދެ ފިރިހެން ކުއްޖަކު އޭނާ ކައިރިއަށް އައިސް ޑްރޯންގެ އަގު އަހައި، އެކި ވާހަކަތައް ދެއްކިއެވެ. ބެލެވޭ ގޮތުގައި އެ ދެ ކުދިންނަކީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުން ކަމަށް ފަތުރުވެރިޔާ ބުނިކަމަށް ފުލުހުން ބުނެއެވެ.
އޭނާ ބުނީ އޭގެ ފަހުން ޑްރޯން ތިރިކޮށް، ތުވާލިއެއްގައި އޮޅާފާއި ބޭއްވުމަށް ފަހު އޭނާ މޫދަށް އެރުނު ކަމަށެވެ. އޭނާގެ ސައިކަލު ކައިރީގައި އޭނާގެ ދަބަސްތައް ބޭއްވުމަށް ފަހު މޫދަށް އެރި އޮތް އިރު ވެސް އެ ދިމާލަށް މީހަކު ދޭތޯ ބަލަން އޮތް ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ވައްކަން ކުރި މީހުން ގަސްތަކުގެ ތެރޭގައި ފިލާ ތިބުމަށް ފަހު ފަތުރުވެރިޔާގެ ތަކެތި ގެންދިޔައީ ކަމަށް ފަތުރުވެރިއާއާއި ހަވާލާދީ ފުލުހުން ބުނެފައިވޭ. ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ފައިސާއާއި ކްރެޑިޓް ކާޑުތައް ހިމެނޭ. ވޮލެޓާއި ސައިކަލުގެ ތަޅުދަނޑިއާއި އޭނާގެ ލިޔެކިޔުން ހިމެނޭ ކަމަށް ފަތުރުވެރިޔާ ބުނެފައިވެއެވެ.
ފަތުރުވެރިއާގެ ވޮލެޓުގައި 1500 ރުފިޔާއާއި, 200 ޑޮލަރު ހިމެނެއެވެ. އަދި އޭނާގެ ފޯނާ ވެސް ވަނީ ވަގަށް ނަގާފައެވެ.
ފައިސާ އަނބުރާ ނުލިބުނަސް މައްސަލައެއް ނެތް ކަމަށާއި އޭނާގެ އެހެނިހެން ތަކެތި ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.