English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި މަންތަރަ އެފްސީ އާއި ޒެފިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައ މި މެޗު ނިމުނީ 2 ލަނޑު 2 ލަނޑުންނެވެ. މެޗުގެ ނުވަވަނަ މިނިޓްގައި މަންތަރަ އެފްސީގެ ސަމީން އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ ސާދަވަނަ މިނިޓްގައި ލީވާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑް ފުޅާކޮށްފައެވެ. ޒެފިއާ އިންވެސް ވަރުގަދަ ކުޅުމެއް ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި މަންތަރަ އެފްސީ އިން ގިނަ ފައުލްތަކެއް ކޮށްފައިވާއިރު ، ޒެފިއާ އަށްވަނީ ފުރަތަމަ ހާފްގައިވެސް ހިލޭޖެހުމެއް ލިބިފައެވެ. އެހެންނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައި ނުވާއިރު ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއަކުނެވެ.

މެޗުގެ ދެވަނަ ހާފްގައިވެސް މަންތަރަ އެފްސީ އިން މޮޅަށް ކުޅެފައިވާއިރު ޒެފިއާ އަށް މި ހާފްގައި ކާމިޔާބު ކުރެވުނު ދެ ލަނޑަކީވެސް މަންތަރަ އެފްސީގެ ފައުލް ހަމަވެ ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކުރެވުނު ދެ ލަނޑެވެ. މިގޮތުން މި ހާފްގައި ޒެފިއާ އަށް 4 ހިލޭ ޖެހުން ލިބުނު އިރު އެ ޓީމުން ވަނީ ދެ ހިލޭޖެހުން ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އީމާން ނަސީރް އާއި ޝާޝް ޝަރީފް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލީވާން އެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި އެފްސީ ގަންބުރި އާއި އެފްސީ ޗެލެންޖާސް ބައްދަލުކުރި މެޗު 2 ލަނޑު 1 ލަނޑުން އެފްސީ ޗެލްޖާސް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗިގައި އެފްސީ ޗެލެޖާސް އިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ވިޝާހް ވަސީމް އާއި އިބްރާހިމް އައްސަދުއެވެ. މި މެޗުގައި އެފްސީ ގަންބުރި އިން ޖެހި ހަމަ އެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު މިރްސާދްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ޗެލެންޖާސްގެ ވިޝާހް އެވެ.

No description available.މިއަދުވެސް މި މުބާރާތުގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަރަދޫ ޔުނައިޓެޑް އާއި ކްރޯސް އެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ލޮތަރި އެފްސީ އާއި އެފްއާރްޓީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަޅަ ބެންޗާ އާއި އެފްސީ އަފިރިންނެވެ. ތިންވަނަ މެޗުގައި ކްލަބް ރިވެރިން ނެކްސަސް އާއ އުސްގަނޑަ ޖޫނިއާސް އިން ބައްދަލުކުރާއިރު ރޭގަނޑުގެ މެޗުތައް ފެށޭ ގަޑިއަކީ 20:30 ހެވެ،