English Edition
Dhivehi Edition
ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކޭލޯ ނަވާސް އަށް އެ މުބާރާތުގެ ސެމީ ފައިނަލްގައި ޖަރުމަނުގެ އާރްބީ ލީޕްޒިގާ ދެކޮޅަށް ނުކުޅެވޭނެކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ނަވާސްގެ ކަކުލަށް އަނިޔާވި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައެވެ. މި އަނިޔާއާ ގުޅިގެން ނަވާސްގެ ބަދަލުގައި ކުޅެން ނިކުތް ސްޕެއިނުގެ ކީޕަރު ސާޖިއޯ ރިކޯ އަކީ ލޯން އުސޫލުން ސެވިއްޔާ އިން އެ ޓީމަށް ގެނައި ކުޅުންތެރިއެކެވެ.

އެހެންކަމުން، ނަވާސް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެފައިވާއިރު، އޭނާގެ ބަދަލުގައި އެ ޓީމުގެ ގޯލް ބަލަހައްޓާނީ އުމުރުން 26 އަހަރުގެ ރިކޯ އެވެ. މި ފަހަރުގެ ސީޒަނަށް ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި ރިކޯ އަށް ޕީއެސްޖީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، މިހާތަނަށް ކުޅެފައިވަނީ އެންމެ 9 މެޗެވެ. މިއާ ހިލާފަށް ނަވާސް ވަނީ އެ ޓީމަށް މިފަހަރުގެ ސީޒަނުގައި 34 މެޗު ކުޅެދީފައެވެ.

އެހެންނަމަވެސް، ޕީއެސްޖީގެ މެޑިކަލް ޓީމުން ގަބޫލުކުރާ ގޮތުގައި ނަވާސް އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ 8-10 ދުވަހުގެ ތެރޭގައި ކުޅެން ނިކުމެވޭނެއެވެ. މިއާއެކު، މި މުބާރާތުގެ ފައިނަލަށް އެ ޓީމު ދަތުރުކޮށްފިނަމަ އެ މެޗުގައި ނަވާސް ފެނުމުގެ ފުރުޞަތު ބޮޑެވެ.

މީގެއިތުރުން، ކުރިއަށް އޮތް މެޗަށް ޕީއެސްޖީ ނިކުންނައިރު އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެންމެ ފަހުން ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު އާޖެންޓީނާގެ ހުނަރުވެރި މިޑްފީލްޑަރު އެންހެލް ޑި މާރިއާގެ އިތުރުން އެ މެޗުގެ ފަހު 30 މިނެޓަށް ކުޅެން ނިކުތް ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އަށް ކުޅެވުމެވެ. އަދި މިވަގުތު އަނިޔާގައި ހުރި އިޓަލީގެ އިތުބާރު މިޑްފީލްޑަރު މާކޯ ވެރާޓީ އަށް ކުޅެވުމުގެ ފުރުޞަތު ބޮޑުވުމެވެ.