English Edition
Dhivehi Edition
ސެންޗޫރިއަންގެ ޝިޕިންގ ބޯޓެއް - ފޮޓޯ: ސެންޗޫރިއަން

ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން ރަޖިސްޓްރީވުމުގެ މުއްދަތު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިތުރުކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ޝިޕިންގ އެޖެންސީ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު 15 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި މުއްދަތުގެ ފަހުން ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި، ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް އެ އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށް މީގެ ކުރިން އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ޝިޕިންގ އެޖެންސީގެ ޚިދުމަތް ކަގަމުގައި ބަލާނެކަންކަން ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ޚިދުމަތެއް ރާއްޖޭގައި ދޭންވާނީ ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށްފަހުގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

އެ ޤަވާއިދުގެ ދަށުން ރާއްޖޭގައި ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވަޑަރެއް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ސީދާގޮތުނަނާއި ނުސީދާގޮތުންވިއަސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ނެގޭނީ ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. އެވެ.

އަދި އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޤަވާއިދާ ޚިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.