English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި ރޭ ކުޅުނު ފަހު މެޗުގައި އުސްގަނޑަ ޖޫނިއާސް އާއި އެފްސީ ބީރިކަނާ ބައްދަލުކުރި މެޗު އެފްސީ ބީރިކަނާއިން ކާމިޔާބުކޮށްފިއެވެ.

މިރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 3 ލަނޑު 1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އުސްގަނޑަ ޖޫނިއާސް އިން މޮޅު ކުޅުމެއް ކުޅެފައިވާއިރު އެ ޓީމުން ވަނީ މެޗުގެ ފަސްވަނަ މިނިޓްގައި ގޯލެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު މާޒް ރަޝީދެވެ، މެޗުގެ ފުރަތަމަ ހާފްގައިވެސް ނަތީޖާ އެއްވަރުކޮށްލުމަށް ގިނަ ފުރުސަތުތަކެއް އެފްސީ ބީރިކަނާއަށް ލިބިގެން ދިޔައިރު، ފުރަތަމަ ހާފް ނިމުނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށުމާއެކު އެފްސީ ބީރިކަނާގެ ކުޅުންތެރިޔާ މުހައްމަދު އިއްމާން ޖެހި ބޯޅަ ގޯލަށް އަމާޒުވެ އެ ޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އޭގެ ދެމިނިޓްފަހުން މެޗުގެ 23 ވަނަ މިނިޓްގައި އިބްރާހިމް ހޫދު ޖެހި ބޯޅަ ގޯލަށް އަމާޒުވެ އެ ޓީމުންވަނީ މެޗުގެ ލީޑް ފުޅާކޮށްފައެވެ. ދެ ޓީމުންވެސް ވަރުގަދަ ގިނަ ހަމަލާތަަކެއް އުފައްދާ މެޗުގެ ނަތީޖާ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވާއިރު އެފްސީ ބީރިކަނާއިން ޖެހި ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާމް ހަސީބްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ބީރިކަނާގެ އިބްރާހީމް ހޫދުއެވެ.

މިއަދުވެސް މި މުބާރާތުގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ބޯއިސް އާއި މަންތަރަ ޖޫނިއާސް އެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ގަބުރު އެފްސީ އާއި އާއި ނޮރިންމަ އެފްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ މަންތަރަ އާއި އެފްސީ ޒެފިއާއެވެ. ތިންވަނަ މެޗުގައި އެފްސީ ގަންބުރިއާއި އެފްސީ ޗެލެންޖާސް އިން ބައްދަލުކުރާއިރު ރޭގަނޑުގެ މެޗުތައް ފެށޭ ގަޑިއަކީ 20:30 ހެވެ،