“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި އެފްރީޓީ އާއި ސަންސް އޮފް ލޮންސް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ސަންސް އޮފް ލޮންސް ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގައި މިރޭ ކުޅެވުނު ތިންވަނަ މެޗު ސަންސް އޮފް ލޮންސް އިން ކާމިޔާބު ކުރީ 4 ލަނޑު 0 ލަނޑުންނެވެ. މި މެޗުގައި ސަންސް އޮފް ލޮންސް އިން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މި މެޗުގެ ފުރަތަމަ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ތޭރަވަނަ މިނިޓްގައި އަހްމަދު އަރްމީޝްއެވެ. މީގެ އިތުރުން އެ ޓީމްގެ ހުސައިން ޝިފާޒް ވަރަށް ކައިރިކައިރިން ފޮނުވި ދެ ހަމަލާ ގޯލަށް އަމާޒުވެ، އޭނާވަނީ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގައި ސަންސް އޮފް ލޮންސްގެ ފަރާތުން އެޓޭކިން ކުޅުމެއް ފެނިގެން ދިޔަ އިރު އެ ޓީމުން ޖެހި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ތިރީސް އަށްވަނަ މިނިޓްގައި އަބްދުﷲ ޝިއާއުއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަންސް އޮފް ލޮންސްއަށް ދެ ލަނޑު ކާމިޔާބުކޮށްދިން ހުސައިން ޝިފާޒް އެވެ.
މިރޭގެ ދެވަނަ މެޗުގައި އެފްސީ ހަބޭސް އާއި ކްރޯސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މި މެޗު ނިމިގެން ދިޔައީ 1 ލަނޑު 1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. މި މެޗުގެ ދެވަނަ މިނިޓްގައި ކްރޯސްގެ އަހްމަދު އިމާޝް އެ ޓީމަށް ލަނޑެެއް ކާމިޔާބުކޮށްދިން އިރު، މި ލަނޑާއެކު މެޗުގެ ފޯރިވަނީ އިތުރަށް ގަދަވެފައެވެ. މިގޮތުން މެޗުގެ ނުވަވަނަ މިނިޓްގައި އެފްސީ ހަބޭސް އިން ލަނޑެއް ޖަހާފައިވާއިރު، އެ ލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ޒިޔަން ރިޔާޒްއެވެ. މުޅި މެޗުގައިވެސް ދެ ޓީމުން ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު ކްރޯސް އިން ވަނީ ހަބޭސްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާފައެވެ. އެހެންނަމަވެސް މެޗު ނިމިގެން ދިޔައީ ދެ ޓީމަށްވެސް ލަނޑެއްޖަހާނެ އިތުރު ފުރުސަތެއް ނުލިބިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރޯސް ޖާޒީ ނަންބަރު ދިހައެއް އަހްމަދު އިމާޝްއެވެ.