އިންޑިއާގެ ކްރިކެޓް ތާރީޚުގައި އުފެދުނު މޮޅު ކެޕްޓަނުންގެ ތެރޭގައި ގުނާލެވޭ ވިކެޓްކީޕަރު ބެޓްސްމަން މަހެންދްރަ ސިންގ ދޯނީ، ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 39 އަހަރުގެ ދޯނީ ވަނީ ކެޕްޓަނެއްގެ ގޮތުގައި އިންޑިއާ އާއެކު 2007 ވަނަ އަހަރުގެ ވޯލްޑް ޓުވެންޓީ20 މުބާރާތާއި، 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕްގެ އިތުރުން 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ވެސް އުފުލާލައިފައެވެ.
“ހުރިހާ އެންމެންގެ ފަރާތުން އަހަރެންނަށް ލިބުނު ލޯތްބާއި ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިރޭ 19:29 އިން ފެށިގެން އަހަރެން ކުޅުން ހުއްޓާލައިފިން.” ދޯނީގެ އިންސްޓަގްރާމްގައި ލިޔެފައިވާ ޕޯސްޓެއްގައިވެއެވެ.
އިންޑިއާގެ ގައުމީ ޓީމުން ދޯނީ އެންމެ ފުރަތަމަ ފެނިގެންދިޔައީ 2004 ވަނަ އަހަރު ވަންޑޭ އިންޓަނޭޝަލް (އޯޑީއައި) ކްރިކެޓް މެޗަކުންނެވެ. އޭނާގެ ވިދުން ބޮޑަށް ގަދަވެފައިވާ މި ފޯމެޓްގައި މިހާތަނަށް 350 އެއްހާ މެޗުގައި 10،773 ލަނޑުހަދާފައިވާއިރު، 50.57 އެވްރެޖެއްވަނީ ދަމަހައްޓާފައެވެ. އަދި ކެޕްޓަނެއްގެ ގޮތުގައި ދޯނީ ވަނީ އިންޑިއާ އާއެކު ހުރިހާ ފޯމެޓެއް އެއްކޮށް 322 އެއްހާ މެޗު ފުރިހަމަކޮށްފައެވެ.
ފަހަކަށް އައިސް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ބެޓްސްމަނުންގެ ތެރޭގައި ހިމެނޭ ދޯނީ ފާހަގަވެފައިވަނީ ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓްގެ އިތުރުން ޓުވެންޓީ20 ފޯމެޓްގައި މެޗު ނިންމާލުމުގެ ޒިންމާނަގައި އެކަން އިތުބާރާއެކު ކުރާ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.
އެގޮތުން، ދޯނީގެ ފަރާތުން މިހާތަނަށް ފެނުނު އެފަދަ އެންމެ ފާހަގަކޮށްލެވޭ މެޗަކަށް ބަލާއިރު، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕް ފައިނަލްގައި ސްރީ ލަންކާއާ ދެކޮޅަށް ނުބައިނުވެ 79 ބޯޅައިން 91 ލަނޑުހަދާފައިވެއެވެ.
ދޯނީގެ 16 އަހަރުވީ ކްރިކެޓް ކެރިއަރުގައި ވަންޑޭ އިންޓަނޭޝަނަލްގެ އިތުރުން، 90 ޓެސްޓް މެޗާއި، 98 ޓުވެންޓީ20 މެޗު ވަނީ ކުޅެފައެވެ. މި ހުރިހާ ފޯމެޓެއްގައި އޭނާ ވަނީ 16 މެޗެއްގައި ސައްތަ ހަދާފައެވެ. އޭނާގެ ޓެސްޓް ކެރިއަރުގައި 4،876 ލަނޑުހަދާފައިވާއިރު، 2014 ވަނަ އަހަރުގައި އެ ފޯމެޓުގެ މެޗުތަކުން ކުޅުން ހުއްޓާލުމާ ހަމައަށް އިންޑިއާ ވަނީ އެއްވަނަ މަގާމަށް ގެންގޮސްދީފައެވެ.
Your contribution to Indian cricket has been immense, @msdhoni. Winning the 2011 World Cup together has been the best moment of my life. Wishing you and your family all the very best for your 2nd innings. pic.twitter.com/5lRYyPFXcp
— Sachin Tendulkar (@sachin_rt) August 15, 2020