ނިމިގެން ދިޔަ ސަރުކާރު ތަކުން އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އެކަށޭނަ މަސައްކަތް ކޮށްފައި ނުވާ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އެއާޕޯޓުގެ ގެ ހާލަތު، މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސް.އޯ.އީ) ކޮމެޓީން ދިރާސާކޮށް ދިރާސާ ނިމުނު ގޮތުގެ ރިޕޯޓް މަޖިލިހުން ފާސްކުރުމަށް ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އައްޑޫގައި އިނގިރޭސިން ގެ ބޭސް އެއްގެ ގޮތުގައި ތަރައްގީކުރި ގަން އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުފަހަރާއި އަދި ހަނގުރާމަ މަތީ މަތިންދާބޯޓުތަކުގެ އިތުރުން ޕެސެންޖަރުން އުފުއްލާ ބޯޓު ޖައްސާފައިވާ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއާޕޯޓު ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އައި އިރުވެސް މިތަނަކީ ފުރިހަމައަށް ތަރައްގީ ވެފައި އޮތް އެއާޕޯޓަކަށް ނެހެދިގެން މަސައްކަތް ކޮށް އަދި އެއާޕޯޓު ތަރައްގީ ނުކުރެވޭ ކަމަށް ވާހަކަ ދައްކަން ޖެހުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަަމަށެވެ.
“ދެކުނުގެ 4 އަތޮޅަށް ބަލާއިރު ގާތްގަނޑަކަށް 80000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދެއް މިއީ. މި ސަރަހައްދުގައި އެއާޕޯޓް ތަރައްގީ ކޮށް އެއާޕޯޓުން މި ސަރަހައްދުގެ މީހުންނަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި ރާއްޖެއިން ބޭރުން މުދާ ގެނައުމާއި ރާއްޖެއަންނަން ބޭނުންވާ ފަތުރުވެރިންނާއި މެޑިކަލާއި އެކި ކަންކަމަށް ވިޔަފާރި ކަންކަމުގައި ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންނަށް ޚިދުމަތް ދެވޭނެ ރަނގަޅު ގޮތްތައް މިތަނުގައި އޮންނަން އެބަޖެހޭ، އަޅުގަނޑަށް ފާހަގަކުރެވިފައިވަނީ މި ދިޔަ ސަރުކާރު ތަކުން އެތަނުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކޮށްފައި ނެތްކަން” އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރުން މަސައްކަތް ކޮށް ކުންފުންޏެއް ހަދައި އެތަނުގެ ޝެއަރ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށަށް ބަދަލުކުރެވި އެތަނުގެ ތަރައްގީގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެގޮތުން އެކުންފުނިން ލޯނެއް ނަގައި އެތަނުގެ ރަންވޭ އަށް ބޭނުންވާ ބިން ހިއްކައި ރަންވޭ އިމާރާތް ކޮށްފައިވާ ކަަމަށެވެ.
“3 ފޭސް އަކަށް ބަހާލައިގެން އެތަނުގެ ތަރައްގީގެ މަސައްކަތް ކުރެވިފައިވަނީ. އެ ސަރަހައްދަށް ބަލާއިރު ގާތްގަނޑަކަށް އެބައޮތް 15 ރިސޯޓް. ގެސްޓްހައުސް އަށް ބަލާއިރު ތިރީހަކަށް ގެސްޓްހައުސް ވަނީ ގާއިމުކުރެވިފައި. ނަމަވެސް އެއާޕޯޓުގެ ދަތިކަމާހެދި އެތަނުން ބޭރަށް ބޯޓެއް އައިސް ޖައްސާފައި އެތަނުން ދެން އެހެންތަނަކަށް މީހުން ގެންދެވޭނެ އިންތިޒާމުތައް ރަނގަޅަށް ހަމަނުޖެހުމުގެ ސަބަބުން އެތަން ރަނގަޅަށް ހިނގާނެ ގޮތް ނުވެފައިވަނީ. އިތުރު އެއާލައިން ގެނެވޭނެ ގޮތެއް ވަނީ ނުވެފައި. އެތަނަށް ދުނިޔޭގެ ރަނގަޅު ރެޕިއުޓެބަލް އެއާލައިނެއް އައިސް ޖައްސަން ބަލާއިރު އެތަނަށް ބޭނުންވާ އިކުއިޕްމަންޓް ރަނގަޅަށް ނުހުރޭ. އޭގެ ސަބަބުން އެއާލައިން އެތަނަށް އަންނަން ބޭނުމެއް ނުވޭ. ބޯޓު ރަންވޭ މަތީގައި ހުއްޓިއްޖެއްޔާ ބޯޓު ޓޯކޮށްފައި އެއްފަރާތަކަށް ގެންދެވޭނެ އިކުއިޕްމަންޓެއް ނެތް.” މަޖިލިހުގެ ތަޅުމުގައި ދިރާސާ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ރާއްޖޭގެ ދެވަނައަށް އެންމެ މީހުން ގިނަ އަދި އެންމެ ބޮޑު އެއާޕޯޓު ތަރައްގީކުރުމަށް މިދިޔަ 5 އަހަރުގެ ތެރޭގައި ވަނީ އެންމެ 17 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދީފައި ކަމަށާއި އެލާރިން ކުރެވުނު ކަމަކީ ބިންހިއްކާފައި ރަންވޭގެ މަސައްކަތް ކުރުން އެކަނި ކަމަށެވެ. އަދި ޓާރމިނަލް ހެދިފައިނުވާއިރު އެތަނަށް ބޭނުންވާ އިކުއިޕްމަންޓުވެސް ގަނެވިފައި ނުވާކަމަށް އިލްޔާސް ވިދާޅުވިއެވެ.
“އެއާޕޯޓު ތަރައްގީކުރުމަށް ފައިސާ ހޯދަން އެބަޖެހޭ. ސަބަބަކީ އެތަނަށް މަހަކު ލިބެނީ 2.9 މިލިއަން ރުފިޔާ ކަމަށް ވާއިރު ކޮންމެ މަހެއްގެ މައްޗަށް 3.9 މިލިއަށް ރުފިޔާ ޚަރަދުވެގެންދޭ. 1 މިލިއަން ރުފިޔާގެ ގެއްލުމެއްގައި ކޮންމެ މަހަކުވެސް އެތަން މި ހިނގަނީ. އެތަނަށް އެއާޕޯޓު ނުހަދައެއް އޭގެ ސަބަބުން ލިބެން ޖެހޭ ފީއެއް ނުލިބޭނެ. އެއާޕޯޓު ރަނގަޅަށް ނުހިނގާތީ އެތަނުން ދޭން ޖެހޭ އެހެން ޚިދުމަތްތައް ނުދެވޭ. އެ ޚިދުމަތްތަކުން ފީއެއް ނުލިބޭ. އެތަނަަށް ޓުރައިސްޓަކު ނާދޭ. ބޯޓެއް ނުޖެއްސޭ. އެހެންވީމާ ސަރުކާރުގެ ވަޒީރުންނާއި ދައުލަތުން މަސައްކަތް ކޮށްގެން އެތަން ތަރައްގީކުރުމަށް ބޭޏުންވާ ލޯނުތައް ނަގައިގެން އެއާޕޯޓު ތަރައްގީކުރަން އެބަޖެހޭ” އިލްޔާސް ވިދާޅުވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ގެ ހާލަތު، މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސް.އޯ.އީ) ކޮމެޓީން ދިރާސާކޮށް ދިރާސާ ނިމުނު ގޮތުގެ ރިޕޯޓް ،މަޖިލިހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައިވަނީ ފާސްކޮށްފައެވެ. މި ބިލް ފާސްކޮށްފައިވަނީ 57 މެމްބަރުންގެ ތާއީދާއެކުގައެވެ.