English Edition
Dhivehi Edition
ބާސެލޯނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަޔާން މިއުނިކްގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލުމަށްފަހު ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. މިމެޗުން ބަޔާން މޮޅުވީ 8-2 އިންނެވެ.

މިއީ ޗެމްޕިއަންސްލީގުގެ ތާރީޙުގައި އެއް ޓީމަކުން މިހާތަނަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި މެޗެވެ. އަދި ބާސެލޯނާގެ ތާރީޙުގައިވެސް މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗެވެ.

ރޭގެ މެޗުން ހޯދީ މޮޅާ އެކު އަންނަ ބުދަ ދުވަހުގެ ރޭ ކުޅެވޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ސެމީގައި ބަޔާން ވާދަކުރަންޖެހޭނީ ކުއާޓާ ފައިނަލުގައި މިރޭ މެންޗެސްޓާ ސިޓީއާ އޮލިމްޕިކް ލިޔޯން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ކޮވިޑް-19 ގެ ސަބަބުން މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުއާޓާ އިން ފެށިގެން މިނީ ޓޯނަމެންޓެއްގެ ގޮތުގައި ޕޯޗުގަލްގައި ކުޅެމުން އަންނައިރު، ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ބަޔާނުން ވަނީ ހަތަރު ލަނޑުޖަހާފައެވެ. އެ ޓީމުގެ ފުރަތަަމަ ލަނޑު، މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އެވެ.

ބާސެލޯނާއާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިިން. –ފޮޓޯ: ޓުވިޓާ

އޭގެ ތިން މިނެޓު ފަހުން، ބަޔާންގެ ޑިފެންޑަރު ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަތް ގޯލަކުން ބާސެލޯނާ އެއްވަރުކުރި އިރު، މެޗުގެ 21 ވަނަ މިނެޓުގައި ކްރޮއޭޝިޔާގެ ވިންގާ އިވާން ޕެރިސިޗް ވަނީ ބަޔާނަށް އަލުން ލީޑްނަގައިދީފައެވެ. އަދި ފުރަތަަމަ ހާފު ނިމުމުގެކުރީން ޖަރުމަނުގެ ވިންގާ ސާޖް ނެބްރީ އާއި މުލާ ޖެހި ގޯލާއެކު އެ ޓީމުން ނިންމާލީ 4-1 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަރަކަށް މިނެޓުގެ ތެރޭގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ ބާސެލޯނާ އަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ހަ މިނެޓުފަހުން، ޖަރުމަނުގެ ޖޯޝުއާ ކިމިޗް ވަނީ ބަޔާން އަށް އަލުން ތިން ލަނޑުގެ ލީޑްނަގައިދީފައެވެ.

އަދި އޭގެ ފަހުން، މި ހާފުގައި ކުޅެން ނިކުތް ފިލިއްޕޭ ކުޓީނިއޯ ނަގައިދިން ބޯޅައަކުން ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ނަތީޖާ 6-2 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، ބާސެލޯނާގެ ލޯން އުސޫލުން ބަޔާނަށް ކުޅެމުން އަންނަ ކުޓީނިއޯ ވަނީ މެޗުގެ 85 އާއި 89 ވަނަ މިނެޓުގައި ދެ ގޯލްޖަހައިދީ ފަރަގު އިތުރަށް ބޮޑުކޮށްދީފައެވެ.