English Edition
Dhivehi Edition

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާއި ހިލާފުވެގެން އައްޑޫ ސިޓީ ފޭދޫން އަންހެނަކު ހައްޔަރުކޮށްފިއެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވެގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އަންހެނެކެވެ. ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ޖަހައި ދީފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެންމީހާއަކީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް މާލެއިން އައްޑުއަށް ދިޔަ މީހެކެވެ، މީގެ ކުރިންވެސް އެ އަންހެން މީހާ ހުއްދަނެތި މާލެއިން އައްޑޫއަށް ގޮސްފައިވާއިރު އެފަހަރު ވަނީ އޭނާއަށް ނަސޭހަތްދިނުމަށްފަހު ދޫކޮށްލާފައެވެ.

އައްޑޫ ސިޓީއިން ހޯމްކަރަންޓީންގައި ތިބި ތިން މީހަކު މިހާރުވެސް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އައްޑޫ ސިޓީގައި ހޯމްކަރަންޓީންގެ ކަންތައްތައް އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް ހިނގަމުން ނުދާކަމުގެ ޝަކުވާތައް އަންނަނީ ލިބެމުންނެވެ. މި ގޮތުން ހޯމް ކަރަންޓީނަށް އަންނަ މީހުން ބޭރުތެރެއިން ފެނުމާއި، ކަރަންޓީންކޮށްފައި ހުންނަ ގޭގެއަށް މީހުން ޒިޔާރަތްކުރުން އާންމުވެފައިވާއިރު މިކަންތަކާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭ ކަމުގެ ކަންބޮޑުވުންތައްވެސް އެ ސިޓީގެ މީހުން އަންނަނީ ފާޅުކުރަމުންނެވެ.