English Edition
Dhivehi Edition

އެފްރިކާ ބައްރުގެ ހަތް ގައުމެއްގައި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި އަންނަ ހަފްތާ އިން ފެށިގެން އެންޓިބޮޑީސް ޓެސްޓް ހަދަން ފަށާނެކަމަށް ހާމަކޮށްފިއެވެ.

އެގޮތުން، އެންޓިބޮޑީސް ޓެސްޓުތައް ހެދުމަށް އެ ބައްރުުން އެންމެ ފުރަތަމަ ތައްޔާރުވެފައިވާ ގައުމުތަކަކީ، ލައިބީރިއާ، ސިއެރާލިއޯން، ޒެމްބިއާ، ޒިމްބާބުވޭ، ކެމަރޫންގެ އިތުރުން ނައިޖީރިއާ އާއި މޮރޮކޯ ކަމަށް އެފްރިކާ ސެންޓާސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ހެޑް ޖޯން ކެންގަސޮން ބުންޏެވެ.

“އެފްރިކާ ބައްރުން ކޮވިޑް-19ގެ އެންޓިބޮޑީސް ޓެސްޓު އެންމެ ފުރަތަމަ ހެދުމަށް ތައްޔާރުވެފައިވަނީ ލައިބީރިއާ، ސިއެރާލިއޯން، ޒެމްބިއާ، ޒިމްބާބުވޭ، ކެމަރޫން، ނައިޖީރިއާ.” ކެންގަސޮން ބުންޏެވެ.

އެންމެ ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، އެފްރިކާ ބައްރުގެ ގައުމުތަކުން ކޮވިޑް-19ގެ އެންޓިބޮޑީސް ޓެސްޓުހެދުމަށް ނިންމާފައިވަނީ އިގްތިޞާދު ހުޅުވާލުމުގެ ކުރީން އެ ގައުމުތަކުގައި މިހާތަނަށް ބަލިޖެހި ރަނގަޅުވެފައިވަނީ ކިތައް މީހުންތޯ ޔަގީންކުރުމުގެ ގޮތުން ކަމަށެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން އެފްރިކާ ބައްރުން އެކަނިވެސް މިލިއަނަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 24 ހާހެއްހާ މީހުން ވަނީ މަރުވެފައެވެ. އެފްރިކާ ސަރަހައްދުން އެންމެ ހާލަތު ގޯސްކޮށްއުޅޭ ދެކުނު އެފްރިކާ އިން 568،919 އެއްހާ މީހުން ޕޮޒިޓިވްވެ، 11،010 މީހުން ވަނީ މަރުވެފައެވެ. ދެން ހާލަތު އެންމެ ގޯސްކޮށް އުޅޭ މިސްރުން ވެސް 95 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 5 ހާހެއްހާ މީހުން ވަނީ މަރުވެފައެވެ.

މި ބަައްޔަށް މިހާތަނަށް މުޅި ދުނިޔޭން 20.88 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، 748،578 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 13،773،834 އެވެ.