English Edition
Dhivehi Edition

ކޮޗިން-ކުޅުދުއްފުށި-މާލެ ކާގޯ ފެރީގެ ދަތުރުތައް ދެތިން މަހެއްގެ ތެރޭގައި ފެށިގެން ދާނެ ކަަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާ ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ވަނީ ދެގައުމުގެ ދެމެދުގައި ދަތުރުތައް ފެށުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން ފޮރިން މިނިސްޓްރީން ބުނީ ކާގޯ ފެރީގެ ހިދުމަތާ އެކު، ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ. އަދި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓްކޮށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ދަތުރުތަކެއް ކަމަށެވެ. އަދި މި ދަތުރު ފަތުރުގެ ހިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ލޮޖިސްޓިކް އާއި ވަގުތުގެ ދަތިކަން ލުއިވެގެން ދާނެކަމަށް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފެށުމަށް ރާވަމުން އަންނަ ފެރީ ނިޒާމުގައި ދެ ގައުމުން އެއްބަސްވެފައި ވަނީ ކޮޗިން، ކެރަލާ، ހދ. ކުޅުދުއްފުށި އަދި މާލެއާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރުމަށެވެ،