English Edition
Dhivehi Edition

 

ބޮލީވުޑުގެ މަޝްހޫރު ޒުވާން ބަތަލާ ކަރީނާ ކަޕޫރު ޚާން ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިޢުލާނުކޮށްފިއެވެ. ފިރިމީހާ ސައިފް ޢަލީ ޚާން އާ ދެމީހުން ނެރުނު ބަޔާނެއްގައި މިއުފާވެރި ޚަބަރު އެދެމީހުންގެ ފޭނުންނާ ޙިއްސާކޮށްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

“އަހަރުމެން ދެމަފރިންގެ ޢާއިލާއަށް އިތުރު މެހެމާނެއް އައުމުގެ އުއްމީދީ ހަބަރު އެންމެހާ ލޯބިވާ ބެލުންތެރިންނާ ޙިއްސާކުރަން. ތިޔަ ބެލުންތެރިންނާއި އަހަރުމެންނަށް ހެޔޮއެދޭ އެންމެހާ ފަރާތްތައް ދެމުންދާ ލޯތްބާއި، އިޙްތިރާމާއި ތަރުޙީބަށް އަހަރުމެން ހިތުގެ އަޑިން ޝުކުރު އަދާކުރަން” ސައިފްއާއި ކަރީނާ ނެރުނު ބަޔާނުގައިވެއެވެ.

ކަރިނާ ދެވަނަ ފަހަރަށް ބަލިވެއިން ޚަބަރު ލިބުމާއެކު އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އޭނާގެ ޢާއިލާއަށް ތަހުނިޔާ އާއި މަރުޙަބާގެ މެސެޖުތައް ފޮނުވަމުންނެވެ. އޭގެތެރޭގައި އޭނާގެ ފޭނުން އަދި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގާތް ފަރާތްތައް ހިމެނެއެވެ. އެގޮތުން މިޚަބަރު އިޢުލާނުކުރިތާ މާގިނައިރެއްނުވެ ސައިފްގެ ކޮއްކޮ ސޮހާ ޢަލީ ޚާންވަނީ އިންސްޓަރގްރާމް މެދުވެރިކޮށް އޭނާގެ ބޭބެއަށް ތަހުނިޔާކިޔާފައެވެ.

މިޚަބަރާގުޅިގެން އެންމެ ބޮޑަށް އުފާފަޅުކުރަމުންދަނީ ކަރީނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި ރަންދިރް ކަޕޫރުއެވެ.

“މިޚަބަރަކީ ތެދު ޚަބަރަކަށް ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. އަހަރެން އަބަދުވެސް ޤަބޫލުކުރާ ގޮތުގައި ކޮންމެ ޢާއިލާއެއްގައިވެސް ދެކުދިން ތިބެންޖެހޭ. އެކީގައި ކުޅެލާ ސަކަރާތްޖަހާލާނެ ބައިވެރިޔަކު ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ” ރިޕޯޓަރަކު ކުރި ސުވާލަކަށް އޭނާ ބުނެފައިވެއެވެ.

ސައިފް ޢަލީ ޚާންއާއި ކަރީނާ ކަޕޫރު ކައިވެނީގެގޮތުން ގުޅުނީ 2012 ވަނަ އަހަރުގައެވެ. މިދެމަފިރިންގެ ފުރަތަމަ ދަރިފުޅު ތައިމޫރު ލިބިފައިވަނީ ކައިވެނި ކުރިތާ ހަތަރު އަހަރު ފަހުންނެވެ. ތައިމޫރަކީ މިހާރުވެސް އިންޑިޔާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލު ކުއްޖެކެވެ. ސައިފްޢަލީޚާންއާއި ފިލްމީ ތަރި އަމްރިތާ ސިންގްގެ ތޭރަ އަހަރުވީ ކައިވެންޏަށް ދެކުދިން ލިބިފައިވެއެވެ. އެއީ ސާރާ ޢަލީ ޚާން އާއި އިބްރާހިމްއެވެ. މިދެކުދިންގެތެރެއިން ސާރާ ޢަލީ ޚާންއަކީ މިހާރު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރިއެކެވެ.

ކަރީނާއާއި ސައިފްއާއި ދެމީހުން އެކުގައި ކުޅުނު ފިލްމްތަކުގެތެރޭގައި އޮމްކާރާ، ތަޝަން،އެޖެންޓް ވިނޯދު އަދި ޤުރުބާން ހިމެނެއެވެ. ކަރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އާމިރު ޚާންއާއެކީ ކުޅޭ ފިލްމު ލާލް ސިންގ ޗައްދާއިންނެވެ. ސައިފް މިވަގުތު މަސައްކަތްކުރަމުންދަނީ އެމޭޒަން ޕްރައިމްގެ ޝޯވްއެއްގައެވެ.