English Edition
Dhivehi Edition

“އަވަސް” އޮންލައިންގެ ޗީފް އެޑިޓަރު އަދި ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް އެތަނުގައި މަސައްކަތްކުރި ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

މި ތުހުމަތުތަކާއި ގުޅިގެން މި މައްސަލަ ބަަލައިދިނުމަށް އެދި ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ރައީސް އޮފީހަށާއި މޯލްޑިވްސް މީޑިއާ ކައުންސިލަށާއި ޖެންޑާ މިނިސްޓްރީގެ އިތުރަށް ހޯމް މިނިސްޓްރީ އަދި ފުލުހުންނަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

19 މީޑިއާއަކުން 73 ނޫސްވެރިއަކު ސޮއިކޮށް ފޮނުވި މި ޕެޓިޝަންގައި ވަނީ “އަވަސް” ނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ އާއި ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ، އެކަމުގެ ޝިކާރައަކަށްވީ ފަރާތްތަކުން އެ ވާހަކަތައް ޓްވިޓާގައި ހިއްސާކޮށްފައިވާކަމަށެވެ. އެހެންކަމުން އެކަކަށް ވުރެ ގިނަ ފަރާތްތަކުން ނޫހެއްގެ އިތުބާރު ކުރެވޭ އިސް މަގާމެއްގައި ހުރި ފަރާތަކާ މެދު މިފަދަ ތުހުމަތެއް ކުރުމަކީ ނޫސްވެރިން ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަމަށް މި ޕެޓިޝަންގައިވަނީ ބުނެފައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު އަދި ޝަރަފްވެރި އެތައް އެވޯޑެއް ލިބިފައިވާ ފަރާތަކުން، މަސައްކަތުގެ މާހައުލުގައި އަންހެން ކުދިންނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް ކުރެވުމަކީ ކަންބޮޑުވާ ކަމެއް ކަން މި ޕެޓިޝަންގައިވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ނޫސްވެރިން ކުރާ މަސައްކަތްތަކާއި މި ދާއިރާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލުތައް ފެންމަތިވެ، އިތުބާރު ގެއްލޭނެ ފަދަ އަމަލުތަކެއް ކަން ފާހަގަކޮށް މުންޑޫ އާދަމް ހަލީމްގެ މައްސަލަ ބަލައި، ކުށްވެރިވާ ނަމަ ހައްގު އަދަބު ދިނުމަށް ޕެޓިޝަންގައިވަނީ ގޮވާލާފައެވެ.

މީގެ ކުރިންވެސް އާދަމް ހަލީމްގެ މައްޗަށް ޖިންސީގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު އޭނާ ވީޓީވީގައި މަސައްކަތް ކުރަމުން ދިޔައިރު، އެ ޓީވީގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި އަނިޔާ ކުރާ ވީޑިއޯއެއްވެސް މީގެކުރިންވަނީ އާންމުވެފައެވެ. މީގެ އިތުރުން ދާދި ފަހުން “އަވަސް” ނޫހުގައި ކުރިން މަސައްކަތްކުރި އަންހެން ނޫސްވެރިޔަކު ވެސް ވަނީ، އޭނާއަށް އާދަމް ހަލީމް ޖިންސީ ފުރުއްސާރަ ކޮށްފައިވާކަމަށް ބުނެ ޓުވިޓާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.