English Edition
Dhivehi Edition
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ) އިން މަސްވެރިންނަށް ނުލިބިހުރި ފައިސާ ހޯދުމަށްޓަކައި، އިހްތިޖާޖަށް ނިކުންނަން މަސްވެރިން ނިންމައިފިއެވެ.
މަސްވެރިންގެ ވައިބާ ގުރޫޕްގައި، ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް އިހްތިޖާޖްކުރުމަށް މަޝްވަރާކުރަމުން އަންނައިރު އެމީހުންނަށް މިދިޔަ ޖުލައި މަހުން ފެށިގެން އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް މަސްވެރިންވަނީ ބުނެފައެވެ. ޖުލައި 19 ވަނަ ދުވަހަށްފަހު މިއަދާ ހަމައަށްވެސް އެއްވެސް އަތޮޅެއްގެ މަސްވެރިންނަށް ފައިސާ ލިބިފައިނުވާއިރު މިފައިސާ ހޯދުމަށްޓަކައި އިހްތިޖާޖްކުރުމަށް ހުރިހާ މަސްވެރިން ގއ. ކޫއްޑުއަށް ދިއުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މަސްވެރިންގެ މި ޝަކުވާތަކާއި ގުޅިގެން މިފްކޯ އިން ވާހަކަދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ މަސްވެރިންނަށް ލާރި ނުދެވިގެން އުޅޭ އެންމެ މައިގަނޑު އެއްސަބަބަކީ ބޭރުގެ މާކެޓްގައި އޮތް އަގަށްވުރެ އަގުބޮޑުކޮށް މަސްގަންނަން ޖެހުން ކަމަށެވެ. ” މިހާރު މަސްވެރިން އަތުން މި ގަންނަނީ އެއް ޓަން މަސް 21000 ރުފިޔާއަށް އެ މަސް ބޭރަށް ވިއްކަނީ 19000 ރުފިޔާއަށް. ކޮބާ ފްރީޒިން ހަރަދާއި އެހެނިހެން ހަރަދުތައް.” އެ ފަރާތުން ބުންޏެވެ. އިތުރަށް އެ ފަރާތުން ބުނީ ސަރުކާރުން ލާރި ދީފިނަމަ މަސްވެރިންނަށް ލާރި ދެވިދާނެ ކަމަށާއި ލާރި ދެވޭނެ އެނޫން އެހެން އެއްވެސް ގޮތެއް ނެތްކަމަަށެވެ.

މީގެ ކުރިން މިފްކޯ އިން ނެރުނު އިއުލާނެއްގައި ބުނީ މަސްވެރިން ކިރާ މަހުގެ ފައިސާ ވީހާ ވެސް އަވަހަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު ދުނިޔޭގެ އިގްތިސާދު ދަށްވުމާ ގުޅިގެން ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރި ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.