ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ ފުވައްމުލަކު ޗެޕްޓަރ އާއި އޭއޯ ނިއުސް ގުޅިގެން ފުވައްމުލައް ސިޓީގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ބޭސިކް ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބޭސިކް ލެވެލް ގެ ކޯހެކެވެ. 10 ވަނަ ގްރޭޑާ ހަމައަށް ތައުލީމު ހާސިލްކޮށްފައިވާ ކޮންމެ މީހަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
ނޫސްވެރިން ތަމްރީން ކުރާ މި ކޯހުގެ މަގްސަދަކީ ފުވައްމުލަކުގެ ޒުވާނުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތުވެސް ފަހި ކޮށްދިނުމެވެ.
އެގޮތުން މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭ ބައިވެރިއަކަށް ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މި ދާއިރާގައި އަމަލީ މަސައްކަތް ކޮށް ތަމްރީނު ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ފަހިކޮށް ދެވޭނެއެވެ.
އޭއޯ ނިއުސް އިން ވަނީ މީގެ ކުރިން އައްޑޫގައި މިފަދަ ތަފާތު ޕްރޮގްރާމުތައް ހިންގައި ޒުވާނުން ތަމްރީންކޮށް މި ދާއިރާއަށް ނެރެދީފައެވެ. އެގޮތުން އޭއޯ ނިއުސްގެ އެހީ އާއެކު ރާއްޖެއިން ބޭރުގައި މިހާރުވެސް 2 ކުއްޖަކު ޖާނަލިޒަމް ޑިޕޮލޮމާ ކޯސް ފުރިހަމަ ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސްކީމްގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން ރަޖިސްޓްރޭޝަން ކުރިއަށް ގެންދާ ގޮތާއި ބެހޭ އިތުރު މައުލޫމާތު ދެވޭނެއެވެ. އަދި 7782034 މި ނަމްބަރުން ވެސް މައުލޫމާތު ލިބިގެންދާނެއެވެ.
http://web.facebook.com/SCEAM2019/ (ސްކީމްގެ ފޭސް ބުކް ޕޭޖް)