މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި މިހާރު ކެބިނެޓުގައި ތިއްބެވި ހަތަރު ބޭފުޅަކާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ހުށަހަޅުއްވާފައި ނުވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.
މިދިޔަ މަހު ފަހުކޮޅު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމުކުރި ލިޔުންތައް ބުނާގޮތުން، 2018 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް އަދި 2019 ވަނަ އަހަރުވެސް މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ މިނިސްޓަރުންނަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. މި ދެ ބޭފުޅުންގެ އިތުރުން 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، 2019 ވަނަ އަހަރު މާލީ ބަޔާން ހުށަނާޅުއްވާ މިނިސްޓްރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ޕީޖީ ޝަމީމްވެސް މަގާމާ ހަވާލުވެވަޑައިގެންނެވި އިރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވާއިރު އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.
ކެބިނެޓު މިނިސްޓަރުން މާލީ ބަޔާން ހުށަހަޅުއްވަން ލާޒިމު ކުރަނީ ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުންނެވެ. މަގާމާ ހަވާލުވެވަޑައިގަންނަވާއިރު އަދި ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން އެ މާއްދާއިން ލާޒިމް ކުރެ އެވެ.