English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި، އެ ދާއިރާތަކުގެ ބައި އިލެކްޝަންސް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން ރޭ އެގޮތަށް ނިންމީ މެމްބަރު ކަން ގެއްލިއްޖެ ކަމަށް އެ ކޮމިޝަނުން ނިންމި ހަތަރު ދާއިރާ ކަމަށްވާ، ވިލިނގިލި، ދިއްދޫ، މަޑުއްވަރީ އަދި ތުލުސްދޫ ދާއިރާގެ ގޮނޑީގެ މައްސަލާގައި އެ ދާއިރާތަކުގެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ރޭ ނިންމާފައި ވަނިކޮށެވެ. ބައި އިލެކްޝަންސް ބާއްވަނީ ހަ ދާއިރާއެއްގައެވެ.

ގޮނޑި ގެއްލުނު މެމްބަރުންގެ ތެރޭގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހިމެނޭ ކަމަށާއި އެ ދެ ދާއިރާގެ ބައި އިލެކްޝަންސް ވެސް ބާއްވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އެ ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމުގައި ބާތިލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގެ ގާނޫނާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދާއިރާތަކުގެ ބައި-އިލެކްޝަތައް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަންސް މަޑުޖައްސާލާފައި ވަނީ އެ އިލެކްޝަނާ ގުޅުން ހުރި މައްސަލަތަކެއް ސުޕްރީމް ކޯޓުން ބަލަމުން ދާތީ އެވެ.

ޕީޕީއެމުން ވަކިިކުރުމާ ގުޅިގެން، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ހަތަރު މެމްބަރުން ކަމަށްވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމްގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އާއި ދަގެނތީ ދާއިރާގެ އިލްހާމް އަހުމަދެވެ. އެކަމަކު މި ދެ ދާއިރާގެ ބައި އިލެކްޝަންސް އަދި އިއުލާންކޮށްފައެއް ނުވެ އެވެ

ސުޕްރީމް ކޯޓުން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައި ވަނީ ޕާޓީ ބަދަލު ކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ކޯޓުން ކަނޑައެޅި ހުކުމާއި އެ ހުކުމާ ގުޅިގެން ނެރެފައިވާ އަމުރުގައި މެމްބަރުންގެ ގޮނޑިއާމެދު ކަން ހިނގާނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.