English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަޑައިނުގަންނަވާ ކޮމިޓީ އެލަވަންސް ނަންގަވާތީ ސަރުކާރު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް ގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އިދިކޮޅު މެމްބަރުން މަސައްކަތް ކުރަން ފެށި ހިސާބުން ފެށިގެން މިއަދާ ހަމަަޔަށް އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުން ވަނީ ހުއްޓާލާފައެވެ.

އިދިކޮޅަށް ނިސްބަތްވާ މެމްބަރުންގެ އަމަލުތައް ކުއްވެރިކުރައްވާ ސަރުކާރު ކޯލިޝަންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ ރައްޔިތުން މަޖިލީހުން ޖަލްސާތައް ބޭއްވުމަށް ބޮޑެތި ހަރަދު ތަކެއް ކުރާއިރު، މެމްބަރުން ޖަލްސާތަކައް ވަޑައިނުގަންނަވާކަމަށެވެ.


ނަމަވެސް އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކައް ވަޑައި ނުގެންނެވުމަށް ފަހު، މަޖިލީހުގެ ކޮމިޓީތަކުގައި ބަރާބަރަށް ބައިވެރިވަޑައިގެން ވޯޓްލައްވާކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ މަޖިލީހުގެ ރައީސް ބަލައި ނުގަންނަ ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ގަވާއިދުން ކޮމެޓީތަކަށް ހާޒިރުވެ ވަޑައިގެން މުސާރަ ނަންގަވަމުން ގެންދަވާ ކަމަށެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުން މަޖިލީހަށް 149 ބިލެއް ހުށައަޅާފައިވާ އިރު މީގެތެރެއިން 138 ބިލަކީ ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ހުށައަޅާފައިވާ ބިލްތައް ކަމަށް ކޯލިޝަނުން ބުނެއެވެ.

މީގެއިތުރުން 11 ބިލެއް އަމިއްލަ މެމްބަރުން ހުށައަޅުއްވާފައިވާއިރު 8 ބިލް ހުށައަޅާފައިވަނީ ޕީޕީއެމް މެމްބަރުން މެދުވެރިކޮށް ކަމަށާއި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިދިކޮޅު މެމްބަރުން ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަން ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕުން ވަނީ ފާހަގަކުރައްވާފައެވެ.