މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު ރިޔާސަތުން ފޭބުމާއެކު، ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނަށް މަޖިލީހަށް ވަދެވުމުން ނޫނީ މަޖިލީހުގެ ޖަލްސާއަކަށް ވަޑައިނުގަންނަވާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިންތިޙާބުތަކާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙަށް ވޯޓަށް އެހުމަށް އިއްޔެ ބޭއްވި ޖަލްސާއަށް ހާޒިރުވުމަށް އެދި މަޖިލިސް އިދާރާއިން ރޮޒެއިނާއަށް ފޮނުވާފައިވާ މެސެޖުގެ ސްކްރީން ޝޮޓަކާއެކު އޭނާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޖަލްސާގައި ބައިވެރިވާން ކިތަންމެހާވެސް ބޭނުންވާކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ގަވައިދާ އެއްގޮތަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރިޔާސަތުން ފޭބުމަށް ފަހު މަޖިލީހަށް ވަނަނުދީ ހިފަހައްޓާފައިވާ 12 މެންބަރުން މަޖިލީހަށް ވަދެވޭ ގޮތް ހައްދަވާ ދެއްވަން އެދޭ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް ގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އިދިކޮޅު މެމްބަރުން މަސައްކަތް ކުރަން ފެށި ހިސާބުން ފެށިގެން އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުން ވަނީ ހުއްޓާލާފައެވެ.
މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަޑައިނުގަންނަވާ ކޮމިޓީ އެލަވަންސް ނަންގަވާތީ ސަރުކާރު ކޯލިޝަނުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.