English Edition
Dhivehi Edition
ބްރެޝިއާގެ މިޑްފީލްޑަރު ސެންޑްރޯ ޓޮނާލީ (ކ) އާއި ޗެލްސީގެ ޖޯޖީނިއޯ (ވ). --ފޮޓޯ: ރޮއިޓާސް

ޔުވެންޓަސް އިން ކުރިއަށް އޮތް ސީޒަނަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކުރީން ގެނައުމަށް މަސައްކަތްކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ޗެލްސީ އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ދެން ނުގެންނާނެ ކަމަށާއި، މިހާރު އެ ޓީމުގެ އަމާޒަކީ ބްރެޝިއާގެ އުއްމީދީ މިޑްފީލްޑަރު ސެންޑްރޯ ޓޮނާލީ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން، ޖޯޖީނިއޯ އަކީ ދާދިފަހުން ޔުވެންޓަސްގެ ކޯޗުގެ މަގާމުން ވަކިކުރި މައުރީޒިއޯ ސާރީ ގެނައުމަށް މަސައްކަތްކުރި ކުޅުންތެރިއަކަށްވުމުގެ އިތުރުން 20 އަހަރުގެ ޓޮނާލީ އަކީ އެ ޓީމުގެ ކޯޗުގެ މަގާމާ އެންމެފަހުން ހަވާލުވި އަންދްރޭ ޕިރްލޯ އަށް ވަރަށް ކަމުދާ ކުޅުންތެރިއެކެވެ.

އަދި ނިމިދިޔަ ސީޒަނުގައި ޗެލްސީ އާއެކު ޖޯޖީނިއޯ އަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ބައެއް ބޮޑެތި މެޗުތަކުގައި އޭނާ އަށް ކުޅުމުގެ ފުރުޞަތުވެސް ލިބިފައެއްނުވެއެވެ.

އެހެންކަމުން، އެ ގައުމުގެ މީޑިއާ ހަބަރުތައް ބުނާގޮތުން ޔުވެންޓަސް އިން ކުރިއަށް އޮތް ސީޒަނަށް އެ ޓީމުގެ މިޑްފީލްޑް ވަރުގަދަކުރުމަށް ގެންނާނެ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ވެސް ބްރެޝިއާގައި މޮޅު ކުޅުމެއް ދައްކާފައިވާ ޓޮނާލީ އެވެ.

މީގެއިތުރުން، ޔުވެންޓަސް އިން މި ފަހަރުގެ ސީޒަނުގައި ޔޫރަޕްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުން ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ޓީމުގެ އެންމެ ބޮޑު އަމާޒަކަށްވާނީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ކަމަށްވާއިރު، އެ އަމާޒަށް ވާސިލްވުމުގެ ގޮތުން އެ ޓީމުގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ. އަދި އެ ޓީމަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ދާދިފަހުން އެމެރިކާގެ އެމްއެލްއެސްގެ އިންޓަ މިއާމީ އަށް ބަދަލުވެފައިވުމުގެ އިތުރުން ޖަރުމަނުގެ މިޑްފީލްޑަރު ސާމީ ކެދީރާ އަށް ފަހަކަށް އައިސް އަނިޔާގެ މައްސަލަތައް ދިމާވާތީވެ، އިތުރު މިޑްފީލްޑަރަކު ގެންނާނެ ކަމަށް ބެލެވެއެވެ.

ޔުވެންޓަސް އިން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މިހާތަނަށް އައިއިރު، އެ ޓީމަށް ކުޅެމުން އައި ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗްގެ ބަދަލުގައި ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު އާތޫރް މެލޯ ވަނީ ގެނެސްފައެވެ.