އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އެންމެ ފުލުގައި އޮތް ކްރޮޓޯނޭގެ ދަނޑުގައި 2-0 އިން އެ ޓީމު ބަލިކޮށް އިންޓަ މިލާނުން ލީގު ތަށި ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.
ރޭގެ މެޗުތަކަށްފަހު އިންޓަ އެއްވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 34 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެގެން 68 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެޓަލާންޓާ އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ނަޕޯލީ އެވެ. ލީގުގައި މިރޭ ސަސުއޮލޯގެ ދަނޑުގައި ކުޅޭ މެޗުން އެޓަލާންޓާ މޮޅުނުވެއްޖެނަމަ އިންޓަ އަށް 10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެއެވެ.
އިންޓަ އިން ރޭގެ މެޗުގައި ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 69 ވަނަ މިނެޓުގައި ޖަހައިދިނީ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެވެ. މިއީ އެ ޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން އެރިކްސަން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އިންޓަގެ އިތުބާރު ފޯވާޑް ލުކާކޫ ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ އެ ބޯޅަ ލުކާކޫ އަށް ދިނުމުގެ ކުރީން އިވާން ޕެރިސިޗް އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.
މި މެޗުގައި އިންޓަ އިން ޖެހި ދެވަނަ ލަނޑު، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ އެވެ. މިއީ އިންޓަގެ އަވަސް އެޓޭކެއްގައި އިޓަލީ މިޑްފީލްޑަރު ނިކޮލާ ބަރެއްލާ ދިން ބޯޅައަކުން ހަކީމީ ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އިންޓަގެ ވާދަވެރި މިލާން ވަނީ އަމިއްލަ ދަނޑުގައި ރެލިގޭޝަން ޒޯނުގައި އޮތް ބެނެވެންޓޯ އަތުން 2-0 އިން މޮޅުވެފައެވެ. މި މެޗުގައި މިލާންގެ ލަނޑުތައް ޖަހައިދިނީ ހަކާން ޗަނައޮގްލޫ އާއި ތެއޯ ހެނާންޑޭޒް އެވެ.