އިޓާލިއަން ސެރިއޭގެ ދެވަނައިގައި އޮތް އެޓަލާންޓާ މިރޭ ކުޅުނު މެޗުން ސަސުއޯލޯއާ 1-1 އިން އެއްވަރުވުމާއެކު ބާކީ ހަތަރު މެޗު އޮއްވާ ތާވަލްގެ އެންމެ ކުރީގައި އުޅޭ އިންޓަ މިލާނުން ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ވޭތުވެދިޔަ 11 އަހަރު ތެރޭގައި އިންޓަ އިން ލީގު ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ނިމިދިޔަ ސީޒަނުގައި ވެސް އިންޓަ އަށް ލީގު ތަށި ގެއްލުނީ ޗެމްޕިއަންކަން ހޯދީ ޔުވެންޓަސް އަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ.
އިންޓަ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ތާވަލްގެ ދެވަނައިގައި އޮތް އެޓަލާންޓާ އަށް ބާކީ ހަތަރު މެޗު ކާމިޔާބުކޮށްގެން ވެސް އިންޓައާ ހަމަނުކުރެވޭނެތީއެވެ. ލީގުގެ އެއްވަނައިގައި އިންޓަ އޮތީ 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެޓަލާންޓާ އާއި ތިންވަނައިގައި އޮތް ޔުވެންޓަސްގެ އިތުރުން ހަތަރުވަނައިގައި އޮތް އޭސީ މިލާނަށް 34 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.
ސަސުއޯލޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ އެޓަލާންޓާ އިންނެވެ. އެ ޓީމަށް މެޗުގެ 32 ވަނަ މިނެޓުގައި ރޮބިން ގޯސެންސް ލީޑްނަގައިދީފައިވާއިރު އޭގެ 10 މިނެޓުކުރީން އެޓަލާންޓާގެ ގޯލްކީޕަރު ޕިއެރްލުއިޖީ ގޮލީނީ އަށް ރަތް ކާޑު ދަނޑުން ފޮނުވާލައިފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި ސަސުއޯލޯ އަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޑޮމެނިކޯ ބެރާޑީ އެވެ. އޭގެފަހުން، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ މާލޮން ސަންޓޯސް އަށް ދެއްކި ރަތް ކާޑާ ގުޅިގެން ދެ ޓީމުން ވެސް މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ.
ރޭގެ މެޗުން އެޓަލާންޓާ އަށް މޮޅެއްނުހޯދުމުން އިންޓަ އަށް ލީގު ކަށަވަރުވިއިރު މިއީ އެ ޓީމުން ލީގު ޗެމްޕިއަންކަން ހޯދި 19 ވަނަ ފަހަރެވެ. އިންޓަ އަށް ވުރެ ގިނައިން ލީގު ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިންނެވެ. އެ ޓީމުން 36 ފަހަރު ލީގު ތަށި ހޯދާފައިވެއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރަށުން ބޭރުގައި އުދިނޭޒީ އަތުން 2-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ ގަދަ ހަތަރެއްގެ ރޭހުގައި އުއްމީދު ބޮޑުކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އުދިނޭޒީގެ ނަހުއެލް މޮލީނާގެ ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް މެޗުގެ ފަހު ހަތް މިނެޓުގެ ތެރޭގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެލަނޑާއެކު ޔުވެންޓަސް އިން ވަނީ މުހިއްމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.