އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި އެޓަލާންޓާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 1-0 އިން ބަލިވިއިރު ތާވަލްގެ އެންމެ ކުރީގައި އުޅޭ އިންޓަ މިލާނުން ވަނީ ނަޕޯލީގެ ދަނޑުގައި 1-1 އިން އެއްވަރުވެފައެވެ.
މިއީ 2001 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުން ލީގުގައި އެޓަލާންޓާ އަތުން ޔުވެންޓަސް ބަލިވި ފުރަތަމަ ފަހަރެވެ. އޭގެފަހުން ލީގުގައި މި ދެ ޓީމު ބައްދަލުކުރި 32 މެޗުގެ ތެރެއިން 24 މެޗުން ޔުވެންޓަސް ވަނީ މޮޅުވެފައެވެ.
ރޭގެ ނަތީޖާއާއެކު ތާވަލްގެ އެއްވަނައިގައި އަދިވެސް އުޅެނީ އިންޓަ އެވެ. އެ ޓީމަށް ކުޅުނު 31 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 9 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އޭސީ މިލާނެވެ. އަދި އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެޓަލާންޓާ އެވެ. ޔުވެންޓަސް އޮތީ 31 މެޗުން ހޯދީ 62 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ޔުވެންޓަސް ނިކުތީ އަނިޔާގައި ހުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. މި މެޗުގެ ކުރީކޮޅު ޔުވެންޓަސް އަށް ލީޑްނަގައިދިނުމަށް އިޓަލީގެ ވިންގާ ފެޑެރީކޯ ކިއޭސާ އަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު އެޓަލާންޓާގެ މަޓެއޯ ޕެސީނާ އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.
އަދި އޭގެފަހުން، ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އަލްވާރޯ މޮރާޓާ ފޮނުވާލި ބޯޅަ އެޓަލާންޓާގެ ޑިފެންޑަރު ބެރަޓް ޖިމްސީޓީ ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އެޓަލާންޓާ އަށް ލީޑްނެގުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކޮލަމްބިއާގެ ފޯވާޑް ޑުވާން ޒަޕާޓާ ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަ ކިރިޔާއެވެ. މި މެޗުގައި އެޓަލާންޓާ އިން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ރުސްލާން މަލިނޮވްސްކީ އެވެ. މިއީ އެ ޓީމުގެ ބޮސްނިއާ އެންޑް ހާޒެގޮވީނާ ފޯވާޑް ޖޯސިޕް އިލިޗިޗް ދިން ބޯޅައަކުން މަލިނޮވްސްކީ ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ރޭ އިންޓަ ކުޅުނު މެޗުން ނަޕޯލީގެ ދަނޑުގައި 1-1 އިން އެއްވަރުވިއިރު ފުރަތަމަ ހާފުގައި ނަޕޯލީން ލީޑްނެގީ އިންޓަގެ ކީޕަރު ސާމިރް ހެންޑަނޮވިޗް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުން އިންޓަ އެއްވަރުކޮށްފައިވަނިކޮށް ނަޕޯލީ މޮޅުކޮށްދިނުމަށް ކުރީން އިންޓަ އަށް ކުޅުނު މަޓެއޯ ޕޮލިޓާނޯ އަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު 10 މީހުންނާއެކު ކުޅެމުންދިޔަ އޭއެސް ރޯމާ އިން ރަށުން ބޭރުގައި ޓޮރީނޯ އަތުން 3-1 އިން ބަލިވިއިރު ލާޒިއޯ އިން ވަނީ އަމިއްލަ ދަނޑުގައި ބެނެވެންޓޯ އަތުން 5-3 އިން މޮޅުވެފައެވެ.