ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ނިންމުން އައި ގޮތުން ގޮނޑިތަކަށް ވީ ގޮތް އަނެއްކާ ވެސް ގިނަ ބަޔަކަށް ކަށަވަރެއް ނުވެ ގޮނޑީގެ މައްސަލަ ބޮޑު ބަހުސަކަށް ވެއްޖެއެވެ.
ހުކުމުގައި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމެއް ވެސް ނޫން ކަމެއްވެސް ސާފުކޮށް ބަޔާން ކޮށްފައި ނުވެ އެވެ. ބުނެފައި ވަނީ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއް ކަމުން އެ މައުޟޫއާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ޖުމްލަ ގޮތެއްގައި ބުނެފައި ވަނީ އެ ގޮނޑިތަކުގެ މައްސަލައިގައި ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށާއި އެކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައި، އޭގެ ފަހުން އެކަން ކަށަވަރު ކުރުމަށް އަމުރެއް ވެސް ނެރެފައިވާނެ ކަމަށެވެ. އެހެންވެ، މި މައްސަލައިގައި އިތުރު ހުކުމެއް ނެރެން ޖެހޭނެ ކަމަށް ނުފެންނަ ކަމަށް، ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.
މި ހުކުމް އިދިކޮޅު ފަރާތްތަކުން މާނަ ކުރާ ގޮތުން މެމްބަރުންގެ ގޮނޑި ނުގެއްލެއެވެ. މެމްބަރުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވި ހިސާން ހުސައިން ވިދާޅުވީ 13 ޖުލައިގެ ފަހުން ހިނގާފައިވާ ކަމަކަށް މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާތީ އެ ނިންމުން އެ އޮތީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ކަމަށެވެ.
ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގަބޫލު ކުރާ ގޮތުގައި މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފައެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުކުމް ދަމަހައްޓާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުންގެ ނިންމުމުން މެމްބަރުން ގޮނޑި ގެއްލުންކަން ސާފުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދާއި ތުލުސްދޫ ދާއިރާގެ މުހަންމަދު ވަހީދު އިބްރާހިމް އަދި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތުގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މި މައްސަލަ އެންމެ މަތީ ކޯޓަށް ހުށަހެޅުއްވީ ގޮނޑިއާ މެދު ހިލާފެއް އުފެދިއްޖެ ހާލަތެއްގައި އެ މައްސަލަ އެންމެ ފަހުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ވާތީ އެވެ.
ހަތަރު ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ މައްސަލައިގައި އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ. މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައެއް ނުވެއެވެ.
ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާއި އަދި އިދިކޮޅު ފަރާތްތަކުން ދެގޮތަށް މި ޙުކުމް މާނަކުރާއިރު ގޮނޑިތަކަށް ވީގޮތް ގިނަ ބަޔަކަށް މިވަނީ އޮޅިފައެވެ.