English Edition
Dhivehi Edition

ލުބްނާންގެ ބޭރޫތުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާއަށް 24 ގަޑިއިރު ވުމުން އެސަރަޙައްދުން ދިރިހުރި އެއްވެސް މީހަކު ނުފެންނާނެކަމަށް އެޤައުމުގެ އަސްކަރީ ސިފައިން ނިންމައިގެން ތިއްބާ 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ފެނިއްޖެއެވެ. ޑަޔާނާ ޢުމަރު ނަމަކަށްކިޔާ މިކުއްޖާ ފެނިފައިވަނީ އެޙާދިސާގައި ބިމާ ހަމަވެފައިވާ ޢިމާރާތެއްގެ އަޑި ސާފުކުރަމުންދަނިކޮށް ރެސްކިއު ޓީމަށް އޭނާގެ ރުއިމުގެ އަޑު އިވުމުންނެވެ.

ޑަޔާނާ ފެނިފައިވާއިރު ޢިމާރާތެއްގެ ދަށުވި އޭނާގެ ބައްޕަވެސްވަނީ ޒަޚަމްތަކާއެކު އެ ސަރަޙައްދުގައި މަސައްކަތްކުރަމުންދިޔަ އަލިފާންނިއްވާ ޓީމަށް ފެނިފައެވެ. އޭނާގެ ބައްޕައަށް މިހާރުދަނީ ބޭރުތުގެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ޑަޔާނާގެ ޢާއިލާގެ ގާތް ފަރާތަކާ ޙަވާލާދީ ދަ އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވަނީ ބެލެވޭގޮތުގައި އެ ޢާއިލާގެ އެހެން ހުރިހާ މެމްބަރުންވަނީ މިހާދިސާގައި ޝަހީދުވެފައެވެ.

ޑަޔާނާއާ އެކު އެޢާއިލާ ދަށުވި ޢިމާރާތް ބިމާ ހަމައަށް ތިރިވި މަންޒަރު އޭނާގެ ބައްޕައަށްވަނީ ފެނިފައެވެ. އެހެންކަމުން އެއިން އެއްވެސް ފަރާތެއް އަލުން ފެންނާނެކަމަކަށް އަޙްމަދު އުއްމީދެއްނުކުރެއެވެ. ޑަޔާނާގެ ކުއްލި ފެނުމުން އޭނާގެ ބައްޕައަށް އުފާވެރިކަން ލިބިފައިވީނަމަވެސް އަދިވެސް އޭނާވަނީ ފުންހިތާމައެއްގެ ތެރޭގައެވެ. ޑަޔާނާގެ ޙާލު އެހާ ސީރިއަސް ނޫނަސް އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތު މެޑިކަލް ސެންޓަރ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އެޤައުމުގެ ނޫސްތަކުގައި ލިޔެފައިވެއެވެ.

 

ގާތްގަނޑަކަށް 145 މީހުން މަރުވެ ފަސްހާހަށްވުރެ ގިނަ މީހުންނަށް މިހާދިސާގައި އެކިވަރުގެ ޒަޚަމް ލިބިފައިވާއިރު އެސަރަޙައްދު ސާފުކޮށް ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑްގައިދަނީ ކުރަމުންނެވެ. އެހެންކަމުން ސާފުކުރަމުންދާއިރު ޢިމާރަތްތަކުގެ ދަށުވެފައިވާ މީހުން ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް އެޤައުމުގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ.

ޑަޔާނާގެ ކުއްލި ފެނުމުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްކުރާ ފަރާތްތަކަށާއި އަދި އެފަދަ ޢާއިލާތަކަށްވަނީ އުއްމީދީ އުފާވެރިކަމެއް ލިބިފައެވެ.