ހިތަދޫ ސިޓީ ސްކުއެއާ ކުރިމަތިން ހިއްކާފައިވާ ބިމުގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ލޯންޗުތަކާއި ޑިންގީތަކުގެ އިތުރުން އެހެނިހެން ތަކެތި ނެގުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާ ބެހޭ ގަވާއިދާ ހިލާފަށް އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން އުޅަނދުފަހަރު ބަހައްޓާފައިވާ ކަމަށެވެ. އަދި އުޅަނދުތައް މަރާމާތުކުރުމާއި، ފައިބަރު މަސައްކަތްކުރުމުގެ އިތުރުން އިންޖީނު ތެޔޮ ބަދަލުކޮށް ހަންހަމުގައި އެކި ތަންތަނަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މިކަމުގެ ސަބަބުން އެ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ދަތިވެ، އާންމު ފަރުދުންނަށް އުނދަގޫވާތީ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން، 15 ޖުލައި 2026 އިން ފެށިގެން ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 10 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި އެންމެހައި ތަކެތި ނެގުމަށް ކައުންސިލުން ވަނީ އަންގާފައެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، ދީފައިވާ މުއްދަތުގައި ނުނަގައި ހުންނަ ތަކެއްޗަކީ ބޭނުންނެތްވެގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، ކަނޑައެޅިފައިވާ ޤަވާއިދުގެ ދަށުން އެތަކެތި ނަގައި އެ ސަރަހައްދު ސާފުކުރާނެ ކަމަށެވެ. އަދި މިގޮތަށް އުޅަނދުތަކާއި ތަކެތި ނެގުމުގެ ތެރޭގައި ލިބިދާނެ އެއްވެސް އުނިކަމަކަށް ނުވަތަ ގެއްލުމަކަށް ކައުންސިލްގެ އިދާރާއިން ޒިންމާ ނުވާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.