English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އާއި މަރާލާފައި އޮއްވައި ފެނުނު މަޝްހޫރު ބްލޮގަ ޔާމީން ރަޝީދުގެ ނަން ބޭނުންކޮށްގެން ކަމަށް ރިޟްވާންގެ އާއިލާއިން ބުނެފިއެވެ.

ރިޟްވާން ގެއްލުވާލިތާ މިއަދަށް ހަ އަހަރު ފުރިފައިވާއިރު، “ރާއްޖެޓީވީ”ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރިޟްވާންގެ ދައްތަ ޝެހެނާޒް އަދްނާން ބުނީ ނިމިގެންދިޔަ ސަރުކާރަކީ ރިޟްވާންގެ އާއިލާއަށް އަނިޔާވެރި ސަރުކާރެއް ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައުމުން ރިޟްވާނަށް ވީ ގޮތެއް އެނގޭނެ ކަމާމެދު ހިތުގައި އުންމީދު އާވެގެން ދިޔަކަމަށެވެ. ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނާމެދު ބޮޑެތި އުއްމީދުތަކެއް ކުރި ކަން ފާހަގަކޮށް ޝެހެނާޒް ވިދާޅުވީ އެހެންނަމެވެސް ރިޟްވާނަށް އިންސާފް ލިބުނު ކަމަށް ގަބޫލު ނުކުރާކަމަށާއި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ ރިޟްވާންގެ ނަން ބޭނުންކުރައްވައިގެން ކަމަށެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަމުން ރިޟްވާންގެ މަންމަ ވަނީ ރައީސް ސޯލިހްއަށް ވޯޓު ހޯދައިދިނުމަށް ކުރި މަސައްކަތް އަސަރާއެކު ހިއްސާކޮށްފައެވެ. މި ގޮތުން ރިޟްވާންގެ މަންމަ ބުނީ މީގެ ކުރިން ދުވަހަކުވެސް މީހެއްގެ ކައިރީ ވޯޓެ ދިނުމަށް އެދިފައިނުވާނެކަމަށައި އެހެންނަމަވެސް ރިޟްވާނަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކޮށްގެން މީހުންކައިރިން ވޯޓު ހޯދުމަށް އާދޭސްކޮށްފައިވާނެކަމަށެވެ.

އުމުރުން އެންމެ 28 އަހަރުގައި ރިޟްވާން ގެއްލުވާލީ މީގެ ހަ އަހަރު ކުރިން 08 އޮގަސްޓު 2014 ގައެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.