ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަންގެ ޝެޑިއުލް ކާގޯ ފްލައިޓްތަކުގެ ދަތުރުތައް ރާއްޖެ ފަށާފައިވާއިރު އައްޑޫސިޓީގެ ވިޔަފާރިވެރިންގެ ޑިމާންޑް އެވަރަށް ލިބިއްޖެނަމަ އައްޑޫއަށް ކާގޯ ފްލައިޓް ބާއްވަން ތައްޔާރު ކަމަށް އައްޑޫސިޓީ ގަން ސަރަހައްދަށް ކަނޑައަޅާފައިވާ އޭރިއާ މެނޭޖާރ ނައޯމީ ޓެންނަކޫން ވިދާޅުވެއްޖެއެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ނައޯމީ ވިދާޅުވީ މިހާތަނަށް އަދި އެފަދަ ޑިމާންޑެއް އައްޑޫގެ ވިޔަފާރިވެރިންގެ ފަރާތުން އައިސްފައި ނުވާ ކަމަށެވެ.
އައްޑޫގެ ގިނަ ވިޔަފާރިވެރިން ބުނެފައިވަނީ ސްރީލަންކަން އެއާލައިންގެ ކާގޯ ދަތުރުތައް އައްޑޫއަށް ފެށޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.
” ލަންކާއިން ސީދާ ދަތުރުތައް އައްޑޫއަށް އަޅާއިރު މޭވާ އާއި ތަރުކާރީފަދަ ތަކެތި ހެޔޮ އަގުގައި ފަސޭހަ ކަމާއެކު ލިބޭ. މިހާރު މާލެއިން ތަކެތި ގަންނަން ޖެހުމުން ވަރަށް ބޮޑު ތަކުލީފެއް އުފުލަން މި ޖެހެނީ. ވިއްސާރަ މޫސުމުގައި ބޯޓު ދަތުރު ކުރުން ލަސްވުމާއި މާލެއިން ކަނޑުމަގުން ގެންނަ އެފަދަ ސާމާނު ހަލާކުވުން އެއީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ބޭނުމީ ހުރިހާ ވިޔަފާރިވެރިން އެކައްޗެއް ކިޔައިގެން ވިޔަސް މި ފްލައިޓްތައް ފެށުން” އައްޑޫގެ ވިޔަފާރިވެރިއަކު ކިޔައިދިނެވެ.
ކޮވިޑް-19 އާއި ގުޅިގެން ފަސިންޖަރުންނާއި އެކު ކުރާ ދަތުރުތަކަށް ހުއްޓުމެއް އައުމާއި ގުޅިގެން ސްރީލަންކަންއިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ކާގޯ ދަތުރުތައް ފަށާފައެވެ. ސްރީލަންކަން އެއަރލައިންސްއިން ކާގޯ ދަތުރުތަކަށް ޙާއްސަ މަތިންދާ ބޯޓެއް ބޭނުންކުރަން ފަށާފައިވަނީ ޖޫން މަހުގެ 25ވަނަ ދުވަހުއެވެ. އަދި އެއެއާލައިނުން ކާގޯ އަށް ހާއްސަ ކުރި ފްލައިޓު ރާއްޖެއަށް ފުރަތަމަ ދަތުރު ބާއްވާފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހުގައެވެ.
ސްރީލަންކަން އެއާލައިންސް އިން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އޮގަސްޓް މަހުން ފެށިގެން އިތުރުކޮށް، ރާއްޖެ އާއި ޔޫރަޕުގެ އިތުރު މަންޒިލުތައް ގުޅާލާނެކަން އިއުލާނުކޮށްފައެވެ.